ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް ހިދުމަތް ކުރުމުގައި 25 އަހަރު ފުރުން ކެއާ ސޮސައިޓީއިން ފާހަގަ ކޮށްފިއެވެ.

ކެއާ ސޮސައިޓީގެ އަަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ ސޮސައިޓީން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން އިއްޔެ ހަވީރު ސޯޝަލް ސެންޓަރުގައި ކުޑަ ކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ހަވީރު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

މިހަވީރުގައި ކުޑަކުދިންގެ ސްޓޭޖް ހަރަކާތްތަކުގެ އިތުރުން ތަފާތު ކުޅިވަރުތައް ހިމެނޭ ސްޓޯލްތައް ހިމަނާފައިވާއިރު އެ ސޮސައިޓީން ބުނީ ހިދުމަތް ކުރުމުގައި 25 އަހަރުގެ ހޭދަ ކުރުމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް އޮތް އަހަރަށް ވެސް ރާވާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ޓީިވީ އާއި ރޭޑިއޯ މެދުވެރިކޮށް ތަފާތު ޕްރޮގްރާމްތައް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް ކެއާ ސޮސައިޓީން ވަނީ ބުނެފައެވެ. މިޕްރޮގްރާމްތައް ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ އެފަރާތްތަކަށް ހިދުމަތް ދިނުމުގެ އިތުރުން ކުދިންނަށް ތައުލީމު ދިނުމާ ބެލެހެއްޓުމުގައި މުޖުތަމައަށް ކޮންމެހެން އެނގެންޖެހޭ ކަންތައްތަކުގެ މައްޗަށް ކަމަށް ވެއެވެ.

ކެއާ ސޮސައިޓީއަށް 25 އަހަރު ފުރުމުން ކުރިއަށް ގެންދިޔަ ކުޑަ ކުދިންގެ ހަވީރު

މީގެ އިތުރުންވެސް އަހަރީ ދުހަވުގެ އެންމެ ކުލަގަދަ ހަފްލާއެއްގެ ގޮތުގައި ރާވާފައި ވަނީ "ގާލާ ނައިޓް" ކަމަށާއި މި ހަފްލާ ބޭއްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށް ކެއާ ސޮސައިޓީން ވަނީ ބުނެފައެވެ. މި ހަފްލާ އަކީ ކެއާ ސޮސައިޓީގެ 25 އަހަރުގެ ދަތުރުގެ ކާމިޔާބީއާއ،ި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކާ އަދި ކެއާ ސޮސައިޓީގެ ކުރިމަގުގައި ކުރާނެ މުހިންމު ކަންތައްތައް އިއުލާންކުރުމަށް ބާއްވާ ހަފްލާއެއް ކަމަށް މައުލޫމާތު ދީފައި ވެއެވެ.

ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ ފަރުވާ ދިނުމުގެ އިތުރުން މި ސެންޓަރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެހީ ތެރިކަން ފޯރު ކޮށްދިނުމަށް ކެއާ ސޮސައިޓީން ދަނީ މާލެ އާއި ހުޅުމާލެ ފޭސް 2 ގައި ކެއާ ސޮސައިޓީގެ ގޮތްޕެއް ހުޅުވާ ހިދުމަތް ދެމުންނެވެ.

ކެއާ ސޮސައިޓީއިން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.