ދަރިޔަކު ލިބުމަކީ މި ދުނިޔެމަތިން މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަމަށް ވާއިރު، ކުޑަ ކުއްޖަކު އާއިލާ އަށް އިތުރު ވުމަކީ މުޅި އާއިލާ އަށް ލިބޭ އާރޯކަމެކެވެ. ނަމަވެސް އެ ދަރިފުޅުގެ ހުންނަ އައިބެއްގެ ސަބަބުން ތަހަންމަލް ކުރަމުންދާ ވޭނަކީ މައިންގެ ހިތަށް ކެތްވާވަރު ކަމެއް ނޫނެވެ. ކޮންމެ އަހަރަކުގެ ގާތްގަނޑަކަށް 6500 އެއްހާ ކުރިން ރާއްޖޭގައި އުފަން ވާއިރު، މީގެ ތެރެއިން 5 ޕަސެންޓް ކުދިންނަކީ އުފަން ވާއިރު ކޮންމެވެސް ކަހަލަ އައިބެއް ހުންނަ ކުދިންނެވެ.

މާޗު މަހުގެ 3 ވަނަ ދުވަސް، ވޯލްޑް ބާތް ޑިފެކްޓް ޑޭ ނުވަތަ އުފަން ވާއިރު އައިބުތައް ހުންނަ ކުދިންނަށް ހާއްސަކޮށްގެން ފާހަގަކުރާ އިރު، ދުނިޔޭގައި އަދި ރާއްޖޭގައިވެސް ގިނަ އަދަދެއްގެ ކުދިންގެ އައިބުތަކެއް ހުރެއެވެ. ނަމަވެސް މިހެން ދިމާވާ މައިގަނޑު ސަބަބެއް ރާއްޖޭގައި އަދި ހޯދިފައެއް ނުވެއެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި ކޮންމެ އަހަރަކުވެސް އައިބުތައް ހުރިކަން ފާހަގަ ކުރެވޭ 300 އެއްހާ ކުދިން ރާއްޖެގައި އުފަންވެފައި ވާއިރު އޭގެ ތެރޭގައި ބޮޑެތި އަދި ކުދި އައިބުތައްވެސް ހިމެނެއެވެ.

އައިބުތައް:

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ އައިބުތަކުގެ ތެރޭގައި ވަރަށް އާދައިގެ އައިބުތައްވެސް ހުންނަ ކަމަށާއި ކުޑަކުއްޖާއަށް އޭގެ ސަބަބުން އެއްވެސް އުނދަގުލެއް ނުވާ އައިބުތައްވެސް ހުންނަ ކަމަށެވެ. އެފަދަ އައިބުތަކުގެ އިތުރު ތަފްސީލު ކޮށްދެއްވަމުން ފައިސަލް ވިދާޅުވީ ކަންފަތް ކައިރީ ހުންނަ އިތުރު ހަންކޮޅެއް ވެސް އައިބަކަށް ވެދާނެ ކަމަށެވެ.

ތުއްތު ކުއްޖަކާއި ބަޔަކު އޮށޯވެލައިގެން ---

ފައިސަލް ވިދާޅުވީ އުފަންވާއިރު އެންމެ ގިނައިން ފެންނަ އައިބަކީ ހިތުގެ އައިބުތަށް ކަމަށާއި އެގޮތުން ހިތުގައި ލޯވަޅު ހުރުމާއި ނާރުތައް އުފެދުމުގައި ހުންނަ އައިބުތައް ހިމެނޭ ކަމަށެވެ. އަދި ދެވަނަ އަށް އެންމެ ގިނައީ ފައިގެ އައިބުތަކުގެ ތެރެއިން ފައި އެނބުރުން ކަހަލަ އައިބުތައް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެފަދަ އައިބުތަކަކީ ބޮޑެތި އައިބުތަކަށް ވާއިރު ސިކުނޑީގެ ނުވަތަ ގުނަވަންތަކުގެ އައިބުތަކަކީވެސް ބޮޑެތި އައިބުތަކެވެ. ގުނަވަންތައް އުފެދުމުގައި އިނގިލި ގިނަވެ މަދުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އުފަންވާއިރު ސިންޑްރޯމްތައް ހުރުން ހިމެނޭއިރު، މީގެ ތެރޭފައި ޑައުން ސިންޑްރޯމް، ޕަޓާއު ސިންޑްރޯމް އަދި އެޑްވަޑް ސިންޑްރޯމް ހިމެނެއެވެ. އެޑްވަޑް ސިމްޑްރޯމްގައި މިދިޔަ އަހަރު ރާއްޖެއިން 3 ކުއްޖަކު ނިޔާވެފައި ވެސް ވެއެވެ. އަދި ކުރުވުން، ފައި އެނބުރުން ކަހަލަ އައިބުތައްވެސް ކުއްޖާ އުފަންވާއިރު ހުންނަކަން ވަނީ ފާހަގަ ވެފައެވެ.

ވޯލްޑް ޑިފެކްޓްސް ޑޭ އާއި ރާއްޖެ ނަންބަރުތަކުން / ގްރެފިކްސް: ދަ ޕްރެސް

ބައެއް އައިބުތަކަކީ އޮޕަރޭޝަން ކޮށްގެން ރަނގަޅުކުރެވޭ އައިބުތަކަށް ވާއިރު، އަނެއްބައި އައިބުތަކުގެ ސަބަބުން ކުއްޖާގެ ފުރާނައަށް ނުރައްކާވާފަދަ އައިބުތައްވެސް ހުރެއެވެ. ފައިސަލް ވިދާޅުވީ ސިކުނޑިއާއި ހިތުގެ ބައެއް ކަހަލަ އައިބުތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވާއިރު ހިތުގެ އައިބުތައް އޮޕަރޭޝަން ކޮށްގެން ރަނގަޅު ކުރެވޭ ކަމަށާއި އެހެންނަމަވެސް ސިންޑްރޯމްތައް އަދި އެހެން ބައެއް އައިބުތައް ރަނގަޅު ނުކުރެވޭ ކަމަަށެވެ.

އައިބު ހުންނަން ދިމާވާ ބައެއް ސަބަބުތައް:

އުފަންވާއިރު ހުންނަ އައިބުތަކުގެ މައިގަނޑު ސަބަބު ރާއްޖޭގައި ދެނެގަނެވިފައި ނެތް ނަމަވެސް މައިބަދައާއި ސިކުނޑީގެ ނުވަތަ ކަށިގަނޑުގެ އައިބުތަކަކީ ފޯލިކް އެސިޑް މަދުވުމުގެ ސަބަބުން އަންނަ އައިބުތަކެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ފޯލިކް އެސިޑަކީ މާބަނޑުވުމުގެ 2 މަސް ވަރު ކުރިން ފަށަން ޖެހޭ އެއްޗެއް ކަމަށާއި މާބަނޑުވުމަށްފަހުވެސް ކުރިއަށް ގެންދަން ޖެހޭ އެއްޗެއް ކަމަށެވެ.

މާބަނޑު އިރު ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށް ލިބޭ ކުދިން އައިބު ވުމުގެ ފުރުސަތު އޮތްކަން ދައްކައިދޭ ކުރެހުމެއް (ވ) އަދި އެފަދަ އަމަލެއް ނުކުރަ މީހާއަށް އައިބެއް ނެތް ކުއްޖަކު ލިބުމުގެ ފުރުސަތު އޮތްކަން ދައްކުވައިދޭ ކުރެހުމެއް (ކ) ...

މީގެ އިތުރުން ތެލެސީމިއާ ކެރިއަރުންނަށް ލިބޭ ލޭ އަޅާކުދިންނަކީ ވެސް އުފަންވާއިރު ހުންނަ އައިބެކެވެ. ބައެއް ކަހަލަ އިންފެކްޝަންތަކުގެ ސަބަބުން ވެސް އައިބުތައް ހުރެއެވެ. އޭގެ ތެރޭގައި ރުބެއްލާގެ ސަބަބުން ކުދިންގެ ލޯ އަނދިރިވުމާއި ބީރުވުމާއެކު ހިތުގެ އައިބުތައްވެސް ހިމެނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ބައެއް އެއިބުތައް އެނގެން ހުންނައިރު އަނެއްބައި އައިބުތަކުގެ ސަބަބު ނޭނގުނަސް ގުޅުން ހުރި ކަންކަން އެނގޭ ކަމަށް ވެސް ވިދާޅުވެއެވެ. އެގޮތުން މަންމަ ނުވަތަ ކައިރީގައި އުޅޭ މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުން ހިމެނޭ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ޑަބްލިޔުއެޗްއޯއިން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް ކަންތައް ކަމުގައި އުފަންވާއިރު ހުންނަ އައިބުތައް މަދުކުރުމާއި އެއަށް ދޭނެ ފަރުވާ އިތުރުކުރުން ހިމެނޭއިރު ފައިސަލް ވިދާޅުވީ ރާއްޖޭގައި މިހާރު ފެންނަ އަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށެވެ. އަދި ފައިސަލް ވަނީ އޭގެ ސަބަބަކަށް ވަނީ ސިއްހީ ގޮތުން ބައެއް ކަންތައްތައް ކޮންޓްރޯލް ނުކުރެވުން ކަމަށް ވިދާޅުވެފައެވެ.

"ސިއްހީ ގޮތުން ބައެއް ކަންތައްތައް އަދިވެސް އަޅުގަނޑުމެންނަށް ކޮންޓްރޯލެއް ނުކުރެވޭ. ބައެއް ކަންތައްތައް އެބަހުރި ގޯސްވެފަވެސް، މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން، އަޅުގަނޑުމެން ބޭނުންވި ގޮތަކަށް އެކަމެއް ނުއެއް ދިޔަތާ ދޯ"
ޑރ. ފައިސަލް

މަސްތުވާތަކެތި ބޭނުން ކުރާ މީހުންވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މާބަނޑު މީހުންގެ ތެރޭގައިވެސް ނިސްބަތުން އެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން އައިޖީއެމްއެޗުގައި މަހަކު އެއް ކުއްޖަކު ނުވަތަ ދެމަހުން އެއް ކުއްޖަކު، އެފަދަ މައެއްގެ ފުށުން އުފަންވީ ނަމަވެސް މިހާރު އެ އަދަދު އިތުރުވެ މަހަކު 3 ނުވަތަ 4 ކުދިން ވިހާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

" މިހާރު ވެސް އައިޖީއެމްއެޗުގައި އެބަތިބި 4 ކުދިން މަސްތުވާތަކެތި ބޭނުންކުރާ މައިން ވިހައިފާ ތިބި ، މިހާރުވެސް ރަށަކުން އެބަ ގެނޭ އެއް ކުއްޖަކު. ނިސްބަތުން ގިނަވޭ އެބަ"
ޑރ. ފައިސަލް

ފައިސަލް ވިދާޅުވީ އެ ކަހަލަ ގްރޫޕްތައް ގިނަވުމުގެ ސަބަބުން މައިންނަށް ދޭންޖެހޭ ފަރުވާތައް ނުވެސް ދެވޭ ކަމަށާއި އެފަދަ މައިން ގިނަފަހަރު ޑޮކްޓަރަށްވެސް ނުދައްކާ ކަމަށެވެ. އެފަދަ ކަންކަމުގައި ދޭން ޖެހޭ ބޭސްތައްވެސް ދެވިފައި ނުހުންނަ ކަމަށާއި ލޭގެ ޕްރެސަރާއި އަދި ހަކުރު ކޮންޓްރޯލްވެސް ކުރެވިފައި ނުހުންނަ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އައިބުތައް ހުންނަ ކުދިން އުފަންވުން މަދުކުރަން ކުރެވިދާނެ ކަންތައްތައް:

ޑރ. ފައިސަލް ވިދާޅުވީ މައިމީހާގެ ސިއްހަތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެގޮތުން ޕްލޭންތަކެއް ހަދަން ޖެހޭ ކަމަށެވެ. މާބަނޑުވުމުގެ ކުރިން މަންމަގެ ސިއްހަތުގެ މައްސަލައެއް ހުރިނަމަ ނުވަތަ ހުރިތޯ ދެނެގަންނަން ޖެހޭ ކަމަށާއި ހާއްސަކޮށް ހަކުރާ، ލޭގެ ޕްރެސަރު ނުވަތަ އިތުރު ބައްޔެއް ހުންނަކަމަށް ވަނީ ނަމަ އެ ބަލި ކޮންޓްރޯލް ކުރުން ވަރަށް މުހިންމު ކަމަށް ފައިސަލް ވިދާޅުވިއެވެ.

" ފިޓް ޖެހޭ މީހެއް ކަމަށް ވަންޏާ އެ ފިޓަށް ކޮންކަހަލަ ބޭހެއްތޯ ކާން ޖެހޭނީ. ބައެއް ކަހަލަ ބޭހުން ދަރިފުޅަށް ގެއްލުން ލިބޭ އެހެންކަމުން ބޭސް ބަދަލުކުރަން ޖެހޭ އެބަ. ބައެއް ކަހަލަ ބޭސް ހުންނާނެ ހުއްޓާލަން ޖެހޭ ބޭސްވެސް ބަނޑުބޮޑުވުމުގެ ކުރިން. ޕްލޭން ޕްރެގްނެންސީއެއް ނޫންވެއްޖެއާ އޮންނާނީ ގިނަ ފަހަރަށް އެ ބޭސް ކުރިއަށްގެންދެވިފަ ކޮންމެސް ހިސާބަކަށް"
ޑރ. ފައިސަލް

އިންފެކްޝަން ދަށްކުރުމަކީ ވެސް މާބަނޑުވުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ބައެއް ކަހަލަ ވެކްސިންތަކަކީ މާބަނޑުވުމުގެ ކުރިން އަންހެނުންނަށް ޖަހާފައި ހުރުން ވަރަށް މުހިންމު ވެކްސިންތަކެއް ކަމަށެވެ. އެގޮތުން ރުއްބެއްލާ އާއި ހިމަބިއްސަށް "އެމްއާރް ވެކްސިން" ޖެހަން ޖެހޭ ކަމަށާއި މާބަނޑުއިރު ރުބެއްލާ ޖެހިއްޖެ ކަމަށް ވަނީ ނަމަ ދަރިފުޅު ބީރު ވުމާއި ލޮލަށް ނުފެނުން އަދި ހިތުގެ ބަލިތައް ޖެހުން ފަދަ ކަންކަން ދިމާވެދާނެ ކަމަށެވެ.

މާބަނޑު މީހަކަށް ޑޮކްޓަރަކު ބޭސް ދެނީ ---

ފައިސަލް ވިދާޅުވީ ކައިވެންޏަކީ ޕްލޭންތަކެއް ކުރެވިގެން ކުރާ ކަމަކަށް ވާއިރު، ލޭ އަޅާކުދިން އުފަންވާ ނިސްބަތް މަދުކުރުމަށް ތެލެސީމިއާ ކެރިއަރުން ކުރިއާލާ ދެނެގަނެ އެކަމަށް ތައްޔާރުވާން ޖެހެއެވެ. އަދި ކުއްޖާގެ އައިބެއް ހުންނަކަމަށް ވަނީ ނަމަ އެކަން ކުރިޔާލައި ދެނެގަތުން ވެސް މުހިންމު ކަމަށާއި އައިޖީއެމްއެޗްގައި މިހާރުވެސް، ހިތުގެ ބައްޔެއް ހުރިތޯ ދެނެގަތުމަށް ހުރިހާ ކުދިން ޓެސްޓުކުރާ ކަމަށާއި ލޭގެ 8 ޓެސްޓެއް ހަދާއިރު އޭގެ އިތުުރުން އަޑުއިވުމުގެ ޓެސްޓެއް ވެސް ހަދާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އައިބުން ރައްކާތެރިވުމަށް، ބޭރު ފުށުން ފެންނަން ހުންނަ އައިބުތަކުގެ ތެރޭގައި ހިމެނޭ ފައި އެނބުރުން ފަދަ ކަންކަން ގޯސްވިޔަ ނުދިނުމަށް ކުރެވޭނެ ކަންކަން ބަލާ، ދުރުވާން ވެސް ޖެހޭނެ ކަމަށެވެ. އަދި ދަރިފުޅުގެ ސިއްހަތު ރަނގަޅުކުރުމަށް އެންމެ މުހިންމު ކަމަކީ މައިމީހާގެ ސިއްހަތު ކަމަށް ވާއިރު މައިމީހާގެ ސިއްހަތު ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަމަކީ ކާނާއާއި ބަލިތައް ދެނެގަތުމާ، ބައްޔެއް ހުރި ނަމަ ފަރުވާކުރުމާ، ބަލިން ދުރުހެލިވުމަށް ކުރެވޭނެ ކަންތައްތައް ދެނެގަތުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި ކުރަންޖެހޭ ބައެއް ކަންކަން ހުރި ކަމަށާއި އާއްމުކޮށް މީހުން ބޭނުންކުރާ ގޮވާމުގެ ބާވަތެއް ފޯޓިފައި ކޮށްގެން ލިބެން ހުރުން މުހިންމު ކަމަށް ވެސް ވިދާޅުވެއެވެ. މީގެ އިތުރުން އައިބުތަކަށް ދޭން ޖެހޭ ފަރުވާ ތަރައްގީކުރަން ޖެހޭ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

"ގިނަ ކަންތައް މިކުރެވެނީ މާލޭގައި, ހަމައެކަނި ކަމަކަށް ކަމެއް މިކުރެވެނީ އެކަމަކު އެބަ ޖެހޭ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުޑަކުދިން އުފަންވާ ސެންޓަރުތަކުގައި މިހިދުމަތްތައް ލިބެން. ސާމްޕަލް ގެނެސް ޓެސްޓުކުރެވޭނެ އިންތިޒާމެއް އެބަޖެހޭ ހަމަޖައްސަން."
ޑރ. ފައިސަލް

ކޮވިޑް 19 އާ ގުޅިގެން ގިނަ ކަންތައްތަކަކަށް ބަދަލު އައިސްފައި ވާއިރު ކޮވިޑާ ގުޅިގެން އައަބުތައް ހުންނަ މިންވަރު އިތުރުވިކަން ފާހަގަކުރެވިފާ ނުވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ދުވަސް ނުފުރާ އުފަންވާ ކުދިން އިތުރުވެފައިވާ ކަމަށާއި އެގޮތުން ކޮވިޑަށް ފަހު އުފަންވާ ކުދިންގެ 14 ޕަސެންޓް ދުވަސް ނުފުރާ އުފަންވާ ކަމަށާއި މީގެ ކުރިން އެ އަދަދު ހުރީ 11 ޕަސެންޓުގައި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އެ ޕަސެންޓޭޖު އެހެން ހުރި އިރު ފައިސަލް އިތުރަށް ވިދާޅުވީ، ބައެއް ފަހަރު 22 ނުވަތަ 23 ހަފްތާގެ ކުދިންވެސް ނޭވާލާ، ވިންދުހުރެ ބަރުދަން 500 ގްރާމުގައި ހުންނާތީ ފާހަގަ ކުރެއްވިފައި ވާ ކަމަށާއި، 500 ގްރާމަށް ވުރެ ބަރު ނަމަ ފުރާނަ ސަލާމަތްކުރެވޭތޯ މިޙަރުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަަމަވެސް އެއަށްވުރެ ދުވަހާއި ބަރުދަން ދަށް ނަމަ ނިންމަނީ ބައިގެންދިއުމަށް ކަމަށެވެ.

ބައެއް ޑޮކްޓަރުން ވޯލްޑް ޑިފެކްޓްސް ޑޭ ފާހަގަ ކުރުމުގައި ބައިވެރި ވަނީ / ފޮޓޯ: ޑރ. ފައިސަލް

ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖޭގައި ތުއްތުކުދިން ނިޔާވާ އަދި ބޮޑެތި ބަލިތަކުގައި ގިނަދުވަސްތަކެއް ހޭދަކުރަންޖެހޭ މައިގަނޑު އެއް ސަބަބަކީ އުފަންވާއިރު ހުންނަ އައިބުތައް ކަމަށާއި މިކަމަށް ސަމާލުވެ އެކަންތައްތަކުން ރައްކާތެރިވުމަށާއި އެކަންތައްތަކަށް ފަރުވާކުރުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ވޯލްޑް ޑިފެކްޓްސް ޑޭ ނުވަތަ އައިބުތަކުގެ ދުވަސް ފާހަގަ ކުރާ އިރު، ޑޮކްޓަރުންނާއި ކަމާ ބެހޭ ސިއްހީ މާހިރުން ދޭ ލަޔަފާއި އިރުޝާދުގައި ހިފުމަކީ، ތިމާގެ އާއިލާއަށް އިތުރުވާ މެންބަރަކީ (ދަރިފުޅަކީ) ސިއްހަތު ސަލާމަތުން ހުރި ކުއްޖަކަށް ހެދުމަށްޓަކައި ކޮންމެ މަޔަކާއި ބަފަޔަކު ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ފުރިހަމަ ސިއްހަތަކީ ހާސް ނިއުމަތެވެ.