ދިވެހިރާއްޖެއަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ އެތައް ބަޔަކު ދިރިއުޅެމުން އަންނަ ގައުމެކެވެ. އެ ގޮތުން ކަންފަތަށް އަޑު ނީވޭ މީހުންނާއި ކުދިން އުޅޭ އިރު އޭގެ ތެރެއިން އަޑު އިވުމަށް މަގުފަހިކޮށްދޭ ޑިވައިސްއެއްގެ އެހީގައި ދިރިއުޅެމުންދާ އެތައް ބަޔަކު ވެސް ރާއްޖޭގައި އުޅެއެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ކޮކްލިއާ އިމްޕްލާންޓާ ހަދާފައިވާ ކުއްޖެއްގެ ހިއަރިން އެއިޑް އަށް ބޭނުން ކުރާ އާލާތުގައި ކުއްޖަކު ޖެހި މައްސަލައެއް ފެންމަތިވެފައެވެ. މި ކަމާ ގުޅިގެން އެ ކުއްޖާގެ ބެލެނިވެރިޔާ ވަނީ އަސަރާއެކު އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލް ހިއްސާ ކޮށްފައެވެ. ނަމަވެސް އެތައް ބަޔަކު އަންނަނީ އެ ޑިވައިސްއާ ބެހޭ މައުލޫމާތު އެނގެން ބޭނުން ކަމަށް ބުނަމުންނެވެ.
އެގޮތުން "ހާއްސަ ބެލެނިވެރިން" ގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖެއްގައި، ޖެނެރަލް ޑޮކްޓަރު އަބްދުލް އަޒީޒް ހަމީދު އާއި ކޮކްލިއާ ހަދާފައިވާ ކުއްޖެއްގެ ބެލެނިވެރިއަކު ވަނީ އެ މައުލޫމާތު ހިއްސާ ކޮށްފައެވެ.
ކޮކްލިއާ އިމްޕްލާންޓަކީ ކަންފަތަށް އަޑު ނީވޭތީ ކަންފަތާ ދިމާލުން ބޮލުގެ އޮޕަރޭޝަނެއް ކޮށްފައި އެތެރެއަށް ލައްވާފައި ހުންނަ އިމްޕްލާޓެކެވެ. އޭގެ ބޭރުން އަޑުއިވުމަށް ބޭނުން ކުރަނީ އިތުރު ޑިވައިސް އެކެވެ. އިމްލާންޓް ހަދާފައިވާ ކުއްޖެއްގެ ޑިވައިސް ހަރުކޮށްފައި ހުންނަ ހިސާބުގައި ޖެހުމަކީ ނުވަތަ އެތަނަށް އަނިޔާއެއް ލިބުމަކީ އޮޕަރޭޝަން ކޮށްފައި އެތެރެއަށް ލައްވާފައިވާ އިމްޕްލާންޓު ވެސް ހަލާކުވެދާނެ ކަމެއް ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.
އަދި ބޭރުގައި އޮންނަ ޑިވައިސް ނުވަތަ ހެޑްޕީސްގައި ޖެހުމުން ވެއްޓޭ ގޮތަކުން އެ ހެޑްޕީސް އަދި އެއާއެކުވާ ޕްރޮސެސާ ހަލާކުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިއިން ކޮންމެ ހާލަތެއް މެދުވެރި ވިޔަސް ކޮކްލިއާ އިމްޕްލާންޓް ހަދާފައި އިންނަ ކުއްޖާއަށް އަޑެއް ނީވޭނެ ކަމަށް އޭނާ ބުނެއެވެ. ކުއްޖާއަށް އަޑުނީވޭ ހާލަތުގައި އެކުއްޖާއާ މުއާމަލާތުކޮށް ހެދުމަކީ އުނދަގޫ ކަމެއް ކަން އިހުސާސް ކުރެވޭނީ އަޑުއިވުމުގެ ހިއްސުގައި އުނިކަމެއް ހުރެ މިފަދަ ކަންކަން ތަހައްމަލް ކުރާ މީހުންނަށް ކަމަށް ވެސް އޭނާ ބުނެއެވެ.
ކޮކްލިއާ އިމްޕްލާންޓް ހަދާފައިތިބޭ ގިނަ ކުދިންނަށް ޑިވައިސްއާއެކު އަޑުއިވެން ފެށުމުން މުއާމަލާތު ކުރުން ރަނގަޅުވެ ކުދިންގެ ތެރޭގައި އުޅެވޭވަރުވާ ކަމަށާއި މިގޮތަށް ރަނގަޅު ހެޔޮބަދަލު އަންނަ ކުދިންނަށް ކޮންމެހެން އެހެން މީހުންނާ މުއާމަލާތު ކުރުމުގައި އިޝާރާތުން ވާހަކަ ދައްކަން ދަސްކުރާކަށް ނުޖެހެއެވެ. ވީމާ މިއީ ސަމާސާ ނުވަތަ މަޖަލަކަށްވެސް އަނިޔާއެއް ލިބޭ ފަދަ ކަމެއް ކުރުން އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ.
އެއިން ލިބިދޭނެ ގެއްލުމަކީ ކުއްޖާގެ މުޅި އުމުރަށް ލިބޭނެ ގެއްލުމެއް ކަމަށާއި ސްކޫލަށް ދާ ކުދިން މިކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ބެލެނިވެރިންނަށް މި މައުލޫމާތު ކުދިންނަށް ކިޔައިދެވިދާނެ ކަމަށް ވެސް އޭނާ ބުނެއެވެ. އަދި މިއީ ބައެއް ބެލެނިވެރިންނަށްވެސް ނޭނގޭ މައުލޫމާތެއް ކަމުން މިކަމަށް ބެލެނިވެރިން ވެސް ހޭލުންތެރިވުން މުހިއްމު ކަމަށް އޭނާ ބުނެފައި ވެއެވެ.
ދާދި ފަހުން ހިއަރިން އެއިޑެއް ލައްވާފައިވާ ކުއްޖަކު ސްކޫލްގައި ހުއްޓާ ޖެހި މައްސަލައި އެ ވާހަކަ ހިއްސާ ކުރި ބެލެނިވެރިޔާ ބުނެފައި ވަނީ، އެ ޑިވައިސްއަކީ އޭނާގެ ދަރިފުޅުގެ ދެ ކަންފަތް ކަމަށާއި އެއީ އެ ކުއްޖާގެ އެއް ހިއްސު ކަމަށެވެ. އެއްދުވަހަކު އިންޓަވަލް ގަޑީގައި އޭނާގެ ދަރިފުޅު ކެންޓީނަށް ގޮސް އިންޓަވަލް ހިފައިގެން ކްލާހަށް ދަނިކޮށް ސިޑިއާ ހިސާބުން ކުއްޖަކު ވަނީ އޭނާގެ ދަރިފުޅުގެ ހިއަރިން ޑިވައިސް މަތީގައި ބާރަށް ޖަހާފައި ކަމަށް އެ ބެލިވެރިޔާ ބުނެއެވެ. ޖެހުމާއެކު ޑިވައިސް ބިންމައްޗަށް ވެއްޓުމުން ދަރިފުޅަށް ވީ ތަދުންނާއި އަދި އޭގެ މުހިންމުކަން އެނގި ރޮވުނު ކަމަށާއި އަދި ހަމަ އެވަގުތު އެންމެ ކައިރީގައި ހުރި ކުއްޖާގެ ގައިގައި ދަރިފުޅު ވެސް ޖެހި ކަަމަށް އޭނާ ބުނެފައި ވެއެވެ.
އަދި އެކުއްޖާ ރުޅިއައިސްގެން ދަރިފުޅު ކޮއްޕާލި ކަމަށާއި އެ ކުއްޖާ ބުނީ އެ ޑިވައިސް މަތީގައި ޖެހީ އޭނާ ނޫން ކަމަށް އެ ބެލެނިވެރިޔާ ބުންޏެއެވެ. އެކަމާ ގުޅިގެން ޓީޗަރުން އެތާ ތިބި އެހެން ކުދިންނާ ސޫވާލު ކުރި ކަމަށާއި ނަމަވެސް އެކަން ކުރި އަދި މަންޒަރު ދުށް ކުއްޖަކު ވެސް ނެތް ކަމަށް އެ ބެލެނިވެރިޔާ ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެ ބެލެނިވެރިޔާ ވަނީ އޭނާގެ ދަރިފުޅުގެ އެއްހިއްސު ކަމަށްވާ އެ ޑިވައިސް ހަލާކުވެއްޖެ ނަމަ އަތުން ބޮޑު ހޭދައެއް އަނެއްކާ ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެއީ ކޮން އެއްޗެއް ކަން ނޭނގޭ ނަމަ އެނގިގަތުން ވަރަށް މުހިންމު ކަމަށާއި އެ ޑިވައިސް ހަރުކުރަނީ ވެސް ބޮލުގެ އޮޕަރޭޝަނބެއް ކޮށްގެން ކަމަށް އެ ބެލެނިވެރިޔާ ބުނެފައި ވެއެވެ.
10،000 ޔޫއެސްޑޮލަރު އެ ޑިވައިސް އަށް ހޭދަކުރާ އިރު އާސަންދައިން ލިބެނީ އެއްބައި ކަމަށާއި، މިފަދަ ކަމަކުން އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ މީހަކަށް ލިބޭނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ބެލެނިވެރިޔާ ހިއްސާ ކުރިއެވެ.
ހަމައެއާއެކު ނުޅުދެންތެރި ކަމަކީ ހަމައެކަނި އުފަންވާއިރު ހުންނަ ކަމަކަށް ނުވުމުގެ އިތުރުން މިހާރު ސްޓްރޯކް ޖެހުމާއި އެކްސިޑެންޓުވުން ފަދަ ކަންކަން ވަރަށް ގިނަ ކަމަށާއި މީހެއްގެ ދިރިއުޅުން ބަދަލުވާން ސިކުންތު ކޮޅެއްވެސް ނުނަގާ ކަަމަށް އޭނާ ބުނެފައި ވެއެވެ. މިއަދު ރަނގަޅަށް ހުންނަ މީހާ މާދަމާ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށްވެފައި ހުއްޓާވެސް ފެނިދާނެ ކަމަށާއި މިއީ ދުނިޔޭގެ ގާނޫނު ކަމަށް އޭނާ ބުނެފައި ވެއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ވެސް ބުލީ ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންް ދެރަކޮށްލުން ފަދަ ހާދިސާތައް ހިންގާފައި ހުރެއެވެ. ސްކޫލް މާހައުލުގައި މިފަދަ ކަމެއް ހިންގައިފި ނަމަ ގިނަ މީހުން ކުށްވެރިކުރަނީ ސްކޫލްތަކާއި އެ ސްކޫލްތަކުގެ މެނޭޖްމަންޓްުގެ އިތުރުން މުދައްރިސުންނެވެ. މިފަދަ ހާދިސާތައް ހިނގުމުގައި މިއީ ކިހާ ގެއްލުމެއް ލިބިދާނެ ކަމެއް ކަން ކުދިންނަށް އޮޅުން ފިލުވައިދޭން ވެސް ޖެހެއެވެ. މިކަން ކުރުމުގައި މުދައްރިސުންގެ އިތުރުން ބެލެނިވެރިންގެ ދައުރުވެސް މުހިއްމެވެ.
މީގެ އިތުރުން މިފަދަ ހާދިސާތައް ސްކޫލތަކުގައި ހިންގާ މައްސަލައިގައި ގެއްލުން ލިބޭ ކުއްޖާއަށް އިންސާފު ނުލިބޭ މައްސަލައަކީ ވެސް މި ވަގުތު ސޯޝަލް މީޑިއާގައި ވަރަށް ހޫނުކޮށް ދެކެވޭ ވާހަކަތަކެވެ. މި ކަމަށް ހައްލު ގެނައުމަށް ޓެކްނޮލޮޖީއަކީ ބޭނުން ހިފޭނެ އެއްޗެއް ކަމަށާއި ސްކޫލް މާޙައުލުވެސް ކެމެރާ ބަހައްޓައިގެން މޮނިޓާ ކުރެވޭނެ ކަމާ މެދު ގިނަ ބަޔަކު އަންނަނީ ހިޔާލު ފާޅު ކުރަމުންނެވެ.