މި ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރި ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުއްވާދެއްވައިފިއެވެ.

ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓާ ގާއިމް ކޮށްފައި ވަނީ މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރުވެސް ހިންގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.

އެކަމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައި ވާއިރު ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ފަޒުނާ ވިދާޅުވީ މިއަދު ހުޅުވި ޑިސްއެބިލިޓީ އެންޑް ރިހެބިލިޓޭޝަން ސެންޓާއަކީ ހުޅުމާލެ ހޮސްޕިޓަލުން ވަށައިޖެހޭ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލްގައި ހިންގާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ހިދުމަތް ހޯދާ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން، ދެން ހަދާނެ ގޮތަކާއި މެދު ކަންބޮޑުވެފައިވާ ބެލެނިވެރިންގެ ކަންބޮޑުވުންތައް މިސެންޓަރާއެކު ނެތިގެންދާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ހުޅުމާލޭގައި ހުޅުވި ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓާ ރައީސްގެ އަނބިކަނބަލުން ފަޒްނާ ބައްލަވާލައްވަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްތައް ލިބިދިނުމަށް ވަށައިޖެހޭނެ ގޮތަކަށް ކަންކަން ރޭވިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ. އަދި މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޒަމާނީ ވަސީލަތްތަކާއި އެކު، ގާއިމް ކުރި ޑިސްއެބިލިޓީ ރިހެބިލިޓޭޝަން ސެންޓާ ހިންގުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ދަށުންނެވެ. މިސެެންޓަރުގައި 7 ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

މިސެންޓަރު ހުޅުވާފައި ހުންނާނީ، ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00އިން ރޭގަނޑު 10:00އަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސެންޓަރުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ސަރުކާރުން ވަނީ އެސެންޓަރަށް އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެގޮތަށް ބަސްދަތުރުތައް ހަމަޖައްސާފައެވެ.