ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ މި ޕްރޮގްރާމަކީ ކެއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ކެއާ ސޮސައިޓީއާއި ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ބުނީ މި ޕްރޮގްރާމަކީ ދެ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އެދިފައިވާ މީހުންގެތެރެއިން ވަޒީފާއަށް ހޮވިފައިވާ މީހުންނަށްކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން މަސައްކަތުގެ މާހައުލުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ އަހުލާގު ކިޔައިދޭނެކަމަށާއި މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އަމަލުކުރާނެ ގޮތްތައްވެސް ކިޔައިދޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތާ ކުރާނެ ކަމަށްވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ވަނީ ބުނެފައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމު މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމަށް "ހާލު ކިހިނެތް؟" ނަމުގައި ޕްރޮގްރާމެއް ފަށަންވެސް ނިންމާފައިވާ ކަމަށެވެ.

އާއިލާތަކަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، އެ ފަރާތްތަކުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި، މި މަސައްކަތުގެ ސަބަބުން ކުޑަކުދިންނަށް ނުރައްކާތައް ކުރިމަތިވާ ހާލަތައްތަކާއި ގެވެށި އަނިޔާ ފަދަ އަމަލުތައް ދެނެގަނެވި އެކަން މަދުކުރެވިގެން ދާނެ ކަމަށް ޝިހާމް ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއްކަމަށާއި ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ އާއިލާތަކަށް ޒިޔާރަތްކޮށް ހާލު ބަލާނެ ކަމަށްވެސް ޝިހާމު ވަނީ ވިދާޅުވެފައެވެ.