ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތު ކަނޑައަޅާ، އެކަން ތާވަލާ އެއްގޮތަށް ތަންފީޒުކުރަން ފައްޓަވަން މިއަދުގެ ކެބިނެޓުގެ ބައްދަލުވުމުގައި ނިންމަވައިފިއެވެ.

އެކަން ހާމަކުރައްވާ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ މިއަދުގެ ކެބިނެޓުގެ ބައްދަލުވުމުގައި ނިންމެވި އެންމެ ފުރަތަމަ ކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް އެކުލަވާލައްވާ، އެކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ނިންމަވާ ކަމަށެވެ.

އެ ފަރާތްތަކަށް ވަޒީފާ ދިނުމާ ގުޅޭ ގޮތުން ކުރިއަށް އޮތް ދުވަސް ތަކުގައި ކަމާ ބެހޭ އޮފީސްތަކުން ވުޒާރާތަކުން ކުރިއަށް ގެންދާނެ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ ޝަހީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގެ ތެރޭގައި 14 ސެޕްޓެމްބަރުގައި އދ މަހިބަންދޫގައި ބޭއްވި ޖަލްސާގެ އިތުރުން ހަމަ އެ މަހުގެ 21 ވަނަ ދުވަހު ބ.ކަމަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު އެފަދައިން ވިދާޅުވި ކަމަށެވެ.

އެ ވައުދުފުޅު މިހާރު ފުރިހަމަވެގެން ތަންފީޒުވެގެން ދާ ކަމަށާއި މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަކަށްވުމާއެކު ކަމާ ބެހޭ އެހެން މިނިސްޓްރީތަކުގެ ލަފާގެ މަތިން މި ސިޔާސަތަށް އިތުރުކުރައްވަން ޖެހޭ ބައިތައް ވަނީ އިތުރުކުރައްވާފައި ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެ ގޮތަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަނާ ގުޅޭ ގަވާއިދުތަކަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެންނެވުމަށްވެސް ނިންމަވާފައިވާ ކަމަށާއި ބައެއް އޮފީސްތަކަށް އަރާ ފޭބުމަށް ފުރޮޅުލީ ގޮނޑިއަށް ނުވަދެވޭ ކަހަލަ ގޮތަކަށް ހުރުމާއެކު އެކަމަށް ކައިރި މުސްތަގުބަލެއްގައި ހައްލު ގެނައުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ޝަހީބު ވިދާޅުވީ އެ ގަވާއިދާ އެއްގޮތަށް މިހާރު ހުރި އިމާރާތްތަކަށް ގެނެވޭނެ ބަދަލުތައް ބައްލަވާ ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު ކުރިއަށް އޮތް ތަނުގައި އިމާރާތްކުރާ ތަންތަނަށް އެ ގަވާއިދުތަކާ އެއްގޮތަށް އިމާރާތް ކުރުމަށްވެސް ނިންމަވާފައިވާ ކަމަށެވެ.