ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސް، މިހާތަނަށް އެންމެ އަވަހަށް އައި 1 މިލިއަން ވަނަ ފަތުރުވެރިޔާގެ ޖާގަ ހޯދައިފިއެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންހެވެ. އެމްއެމްޕީއާރުސީން ބުނީ، އިންޑިއާގެ އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ރާއްޖެއަށް މެންދުރު 12:55 ހާއިރު އައި ކާޖަލް ރާއްޖެ އައީ އޭނާގެ ފިރިމީހާ އާ އެކު ހަނީމޫނަށް ކަމަށާއި، ޗުއްޓީ ހޭދަކުރާނީ މަލަހިނި ކުޑަ ބަނޑޮހުގައި ކަމަށެވެ.

މިއީ ރާއްޖެއަށް ކާޖަލް އައި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މީގެ ކުރީ އަހަރުތަކަށް ބަލާލާއިރު، 2022 ވަނަ އަހަރު 1 މިލިއަން ވަނަ ފަތުރުވެރިޔާ ހަމަވީ އޮގަސްޓް މަހުގައެވެ. އެ އަހަރާ ޖެހިގެން އައި 2023 ވަނަ އަހަރު ޖުލައި މަހުގައެވެ. އަދި މިދިޔަ އަހަރު ޖޫން މަހުގެ ފަހުކޮޅުގައެވެ.

މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަކުރުމަށް ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ، މިހާ ކުރީކޮޅު 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައުމަކީ ބޭރު ގައުމުތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި ދިވެހީންެ މެހެމާންދާރީ ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ފަސް މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ފެއްޓެވި ޕްރޮގްރާމްގެ ދަށުން ގަހެއް އިންދުމަށް ވެސް ކާޖަލަށް ދައުވަތު ދީފައިވެއެވެ. އެ ދައުވަތު ގަބޫލުކޮށް އޭނާ ވަނީ ހުޅުމާލޭގައި ގަހެއް އިނދައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި އަވަށްޓެރި އިންޑިއާއަކީ 2020 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް މެދުކެނޑުމެއް ނެތި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އައި ގައުމެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް ކުޑައިމީސްކުރުމުގެ ސަބަބުން ގުޅުން ގޯސްވެ، އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު ދަށްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުުން، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އިންޑިއާއިން މި އަހަރު ރާއްޖެއަށް 56،429 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ހަމަކުރުމެވެ.