ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމަގާމުން ދުރުކުރަން އެއްވެސް މަސައްކަތެއް އެއްވެސް މީހަކު ނުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފައްޔާޒް މިހެން ވިދާޅުވީ، ރައީސް ނަޝީދު މަޖިލީހުން ވަކިކުރުމައްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފިނަމަ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދި ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ހަމަކުރަން ފަށާނެ ކަމަށް ރައީސް ނަޝީޑަށް ތާއީދު ކުރައްވާ، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

ފައްޔާޒް ވިދާޅުވީ، އެފަދަ މަސައްކަތެއް ކުރަން ނޫޅޭ ކަމަށާއި އެއީ އެމީހުން އަމިއްލައަށް ދައްކާ ވާހަކައެއް ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ޕްރައިމަރީއާ ހަމައަށް އައި އިރު، އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. އެއްބަޔަކު ރައީސް ނަޝީދާ އެއްކޮޅާށް ތިބި އިރު އަނެއް ބަޔަކު ތިބީ އެ ޕްރައިމަރީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ރައީސް ސޯލިހާ އެކުގައެވެ. ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 24،566 ވޯޓެވެ. އެ އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހްއަށް ތާއިދުކުރާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން ރައީސް ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް ހެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން 'ފިކުރެއްގެ ދިރުން' ގޮފި ހެދުމުގެ މަސައްކަތް ފޯރިއާ އެކު ކުރަމުން އަންނައިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަން އިން ތާއިދުކުރާނެ ކެންޑިޑޭޓެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ޕްރައިމަރީއަށް ފަހު ބޭއްވި އެމްޑީޕީގެ ބައެއް ޖަލްސާތައް ވެސް ނަޝީދުގެ ފެކްޝަން އިން އަންނަނީ ބޮއިކޮޓް ކުރަމުންނެވެ.

އެ ދެބޭފުޅުންގެ ދެމެދުގައި އުފެދިފައި އޮތް ހިޔާލު ތަފާތުވުންތަކަށް ހައްލެއް ގެންނަން މަޝްވަރާ ކުރެވެމުންދާ ކަމަށް ފައްޔާޒް ވިދާޅުވެފައިވާ އިރު، ނަޝީދު ވަނީ ފައްޔާޒަށް ރައްދު ދެއްވާފައެވެ. ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެކަން ރައީސް ސޯލިހާއެކު ހުރެގެން ވާން އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.