ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާ މެދު ގޮތެއް ނިންމަން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ބޮއިކޮޓް ކޮށްފިއެވެ.

މިރޭ އިއްޒުއްދީން ސްކޫލްގައި އޮތް އެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރުން ބައިވެރިވެވަޑައި ނުގަންނަވައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ކުރީގެ އެމްޑީޕި ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

މި ބޭފުޅުން ވަނީ މި އަހަރު މަޖިލީސް ފެށުމަށް ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފައެވެ.

އިއްޒުއްދީން ސްކޫލްގައި ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މިއަދުގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާއި، ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ. ހަމައެއާއެކު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވެސް މި ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު އެ ޕާޓީ ދެ ފެކްޝަނަކަށް ވަނީ ބެހިފައެވެ. މި ގޮތުން މަޖިލީހުގެ ގިނަ މެމްބަރުން ތިއްބެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާ އެކުއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހްއަށް ތާއިދުކުރާ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު މި ދިޔަ މަހު 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން ރައީސް ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް ހެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން 'ފިކުރެއްގެ ދިރުން' ގޮފި ހެދުމުގެ މަސައްކަތް ފޯރިއާ އެކު ކުރަމުން އަންނައިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަން އިން ތާއިދުކުރާނެ ކެންޑިޑޭޓެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ގޮތެއް ނިންމަން ހަމަޖެހިފައިވާ އިރު، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަން ހެދުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ރައީސް ސޯލިހަށް ވަނީ އެ ބާރު ދީފައެވެ. އަދި އެފަހަރުގެ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ގިނަ ޕާޓީތައް ހިމެނޭހެން ކޯލިޝަނަކާއެކުއެވެ. އެއީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމާއެކު ހެދި ކޯލިޝަނަކެވެ.