އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް އެރުވުމުގެ ރަސްމީ ޖަލްސާ، އަންނަ ހުކުރުދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި މި ޖަލްސާ ބޭއްވުމަށް އެމްޑިޕީން ވަނީ މާލެ ސިޓީ ކައުންސިލްގެ ހުއްދައަކަށް އެދިފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި ރައީސް ސޯލިހު ވަނީ 8 ހާސް ވޯޓުގެ ތަފާތުން ޓިކެޓް ޔަގީން ކުރައްވާފައެވެ.
ދާއިމީ ނަތީޖާ އިން ދައްކާގޮތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 24،566 ވޯޓެވެ. އެ އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ 71 ޕަަސަންޓެވެ.
ވަކިވަކި ނަތީޖާތަކަށް ބަލާލާއިރު، ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން ކުޅުދުއްފުށި ފިޔަވައި މާލެ އާއި ފުވައްމުލަކުގެ އިތުރުން އައްޑޫން ކުރި ލިބިވަޑައިގަތީ ރައީސް ސޯލިހަށެވެ. ދެ ރައީސުން ވެސް އެންމެ ގިނައިން ވައުދުތައް ވެވަޑައިގެންފައިވާ އައްޑޫން ރައީސް ކުރި ހޯއްދެވިފައި ވަނީ 221 ވޯޓުގެ ތަފާތަކުންނެވެ. އަދި މާލޭން ކުރި ހޯއްދެވިފައި ވަނީ 84 ވޯޓުގެ ތަފާތަކުންނެވެ.
ވަކިވަކި ދާއިރާތަކުގެ ތެރެއިން ހަތް ރަށެއްގައި ބެހެއްޓި ފޮށިތަކުގެ ނަތީޖާ އަށް ބަލާލާއިރު ނަޝީދަށް އެ ހަތް ރަށުން އެއްވެސް ވޯޓެއް ލިބިވަަޑައިގެންފައެއް ނުވެއެވެ. އެއީ ލ. މުންޑޫ، ތ. ވަންދޫ، އދ. ދިއްދޫ، އދ. ކުނބުރުދޫ، އއ. ބޮޑުފޮޅަދޫ، ރ. ކިނޮޅަސް، ހދ. ނޮޅިވަރަންފަރެވެ. ނަމަވެސް ރައީސްގެ އަރިސް ބައެއް ބޭފުޅުންގެ ބައެއް ރަށްރަށުން ނަޝީދު ކުރި ހޯއްދަވާފައި ވާއިރު، ނަޝީދުގެ ބައެއް އަރިސް ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ރައީސަށް ކުރި ލިބިވަދައިގެންފައި ވެއެވެ.
ރިޔާސީ ޕްރަައިމަރީގެ ކާމިޔާބު ފާހަގަކުރަން ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ އެންމެން އެކުގައި ނިކުމެ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާ ގުޅިގެން ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް ދައުވަތު ފޮނުއްވާނެ ކަމަށާއި، އެ ޕާޓީ އަކީ އަބަދުވެސް އެއް ވިސްނުމެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.