މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތް ކަމަށާއި އޭރުން އެހެން ޕާޓީތަކުގެ ވަރުގަދަކަން އެނގިގެން ދާނެ ކަމަށެވެ. އަދި އުފެދޭ އެއްވެސް ކޯލިޝަނެއްގައި އެމްޑީޕީގެ ހިއްސާ 60 ޕަސަންޓަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް މަވޯޓާ ވިދާޅުވިއެވެ.

އެއަށް ބަލާފައި ސަރުކާރުން ހިއްސާވާނެ މިންވަރެއް ކަނޑައަޅަން ޖެހޭނީ، އުފެދޭ އެއްވެސް ކޯލިޝަނެއްގައި އެމްޑީޕީގެ ހިއްސާ 60 ޕަސެންޓަށް ވުރެ ބޮޑުވާން ވެސް ޖެހޭނެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މަވޯޓާ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުގެ ކެންޑްޑަސީގެ ދަށުން ކޯލިޝަންއަކާ ނުލާ ވެސް ދެވަނަ ބުރުން އެމްޑީޕީއަށް ވެރިކަން ހޯދުމުގެ ފުރުސަތު ކުޑައެއް ނޫން ކަމަށާއި ކޯލިޝަން އޮތްނަމަ މާބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މަވޯޓާ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ ކަމަށާއި ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.

ނަމަވެސް ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް ރައީސަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފޯރިގަދަކޮށް ދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި 9،000 އެއްހާ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސެވެ. ރައީސް އިންތިހާބު ކާމިޔާބުކުރެއްވީ 24،566 ވޯޓާ އެކުގައެވެ. ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.