ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލީ ދުވަހު، ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ބަޔަކު ހަމަލާ ދިން މައްސަލައިގައި 4 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުން ތިން ފިރިހެނުން ކަމަށެވެ. އަދި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާއައި 24 އަހަރުގެ ދެމީހުންނަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި 24 އަހަރުގެ އެކަކަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުން ދާ ކަަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ޝަރީފަށް ހަމަލާދީފައި ވަނީ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައެވެ. އެ ހަމަލާގައި ޝަރީފަށް ލިބިފައިވާ އަނިޔާތައް ފެންނަ ގޮތަށް ބައެއް ފޮތޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާ އިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޝަރީފްގެ އެއް ލޯ މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި ނޭފަތްމަތިން ވަނީ ހަލާކުވެ، ލޭ ވެސް އައިސްފައެވެ.