ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ ޝަރީފް އެމްޑީޕީ އިން ވަކިވެ ސިޔާސީ މަސައްކަތްތަކާ ދުރަށް ވަޑައިގަތުމަށް ނިންމާފައިވާކަން ރޭ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ހިއްސާކުރައްވާފައިވާއިރު، މިކަމުގެ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެމްޑީޕީން ޝަރީފު ވަކިވެވަޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ އެތެރޭގެ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިނުގެން ޕީޖީ ވަޓްސްއެޕް ގުރޫޕުގައި ހިނގި ދެބަސްވުމަކާ ގުޅިގެންނެވެ. ޝަރީފްގެ މި ނިންމެވުމާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވާދަކުރެއްވުމުގެ ފުރުސަތު ހަނިވެފައިވާއިރު، މިކަމާ ގުޅިގެން އަދި ޝަރީފް ރަސްމީ ގޮތުން އެއްވެސް ވާހަކައެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއީސް މައުމޫނު އަބްދުލްގައްޔޫމުގެ ޒައާމަތުގައިވެސް އައްޑޫ މެންބަރުކަން ކުރެއްވި ޝަރީފް ވަނީ އޭރު ފެށިގެންދިޔަ އިސްލާހީ މަސައްކަތުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފައެވެ. އަދި އެމްޑީޕީގެ މެންބަރެއްގްެ ގޮތުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރެއްވި ޝަރީފް ވަނީ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގެވި ޑީއާރުޕީއާ ގުޅިވަޑައިގެންފައެވެ. އަދި އެ ޕާޓީގެ އިސް ސަފުގައި ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، އަނެއްކާވެސް ޝަރީފް ވަނީ އެ ޕާޓީން ވަކިވެ، އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި ޝަރީފްއަކީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރެއިން ވެސް މެންބަރެކެވެ.