ގޮށް މުށުގެ ބާރުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި، ބަނގުޑި ބައްދައިގެން އިދެވޭނެކަމަށް އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ އިން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނައިރު އިރު އެ މަނިކުފާނުވަނީ ރައްޔިތުންގެ މަޖިލީހުުގެ މި އަހަރުގެ މި ހިނގާ ދައުރުގައި އެމްޑީޕީގެ މެންބަރުން ހުށަހަޅަން ތައްޔާރުވާ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިނުގަންނާނެ އިޝާރާތެއް ވަނީ ކުރައްވާފައެވެ.
މި ގޮތުން ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއް މި ދައުރުގައި އެޖެންޑާކޮށް އަނބުރާ ގެންގޮސްފައިވާތީ ދެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން ޝަރީފް ވިދާޅުވީ މީގެ ކުރިންވެސް ރައީސް ނަޝީދުގެ މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްފައިވާ ކަމަށާ އެހެންނަމަވެސް މި ފަހަރު އެކަން ކުރުމުގެ ފުރުސަތު އެމްޑީޕީ އިން ނުދޭނެކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ ގާނޫނާ ހިލާފަށް މަޖިލީސް ހިންގުމަށް ވާގިވެރިވާ މުވައްޒަފުންނަށްވެސް ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިފަހަރު ގާނޫނާ ހިލާފަށް މަޖިލީސް ހިސޯރުކުރުމަށް އެހީތެރިވާ ކޮންމެ މީހަކާ މެދު ފިޔަވަޅު އަޅަންޖެހޭކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމްޑީޕީ އިން ވަނީ އިސްލާހުގެ ނަމުގައި ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަގާމުގެ ދަހިވެތިކަން އިސްކޮށް އެމްޑީޕީއަށް ގެއްލުން ދިނުމަށް ކަމަށް ތުހުމަތުކޮށްފައެވެ.