ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދެ މެންބަރުން ކަމަށްވާ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ހަމަލަދިން މައްސަލަ ވީހާވެސް އަވަހަށް ތަހްގީގު ކުރުމަށް އެޗްއާރުސީއެމުން ފުލުހުންނަށް ގޮވާލައިފިއެވެ.

ދެ މެންބަރުންގެ ތެރެއިން ޝަރީފަށް ބަޔަކު ހަމަލާ ދިނީ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝަރީފްގެ އެއް ލޯ މަތި ވަރަށް ބޮޑަށް ދުޅަވެ، ނޭފަތް މަތި ހަލާކުވެ، ލޭ އައިސްފައިވެއެވެ. އަދި ނިހާދަށް ހަމަލާ ދިނީ ވޯޓުލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހިނގި ޒުވާބެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

ސޯޝަލް މީޑިއާގައި މިހަރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ނިހާދަށް ގެންދަނީ އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެޗްއާރުސީއެމުން ބުނީ، އައްޑޫގެ ދެ މެންބަރުންނަށާއި، ދެ ހާދިސާ ހިނގި ސަރަހައްދުގައި ތިބި ބައެއް މީހުންނަށް ބަޔަކު ހަމަލާ ދިން މައްސަލަ ކުށްވެރިކުރާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ، ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން އެކަކު އަނެކަކަށް އަނިޔާދީ އަބުރަށް އަރައިގަތުން ފަދަ ކަންކަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ކޮމިޝަނުން ވަނީ އައްޑޫގެ ދެ މެންބަރުންނަށް ހަމަލާ ދިން މައްސަލަތައް ވީހާ ވެސް އަވަހަކަށް ތަހްގީގުކޮށް ނިންމުމަށް ފުލުހުންނަށް ގޮވާލައިފައެވެ.