ބަޔަކު އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެމްޑީޕީ އަށް ދެވަނައަށް ސޮއި ކުރެއްވީ އެ މަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީ އެމްޑީޕީ ހަރުގޭގައި އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ބޯގަންވިލާ އިބްރާހިމް އިސްމާއިލް ކަމަށާއި އެ ޕާޓީއަށް ދެވަނަ އަށް ސޮއިކުރެއްވީ އެ މަނިކުފާނުކަމަށެވެ.

އެމްޑީޕީ ބޮޑުވަމުން ހަރަކާތްތައް އިތުރުވަމުން އައި ގޮތް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަން ރީކޯ މޫސާ މަނިކަށާއި ރައޫފަށާއި ފުއާދުގެ އިތުރުން ސައީދަށާއި ގަސަމް ފަދަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ. "މިތިބީ މި ތަނުން އަޅުގަނޑަށް ފެންނަން ތިބި ފަރާތްތައް، މިއިން ކޮންމެ މީހަކު މަސައްކަތްތަކެއް ކުރި. ބުރަ މަސައްކަތްތަކެއް ކުރި." ރައީސް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ރައްދެއް ދެއްވަމުން ރައީސް ވިދާޅުވީ މިއަދު ވަކި މީހެއްގެ ވަކި މަގްސަދެއް ހާސިލް ކުރުމަށްޓަކައި އެމްޑީޕީއަށް ގުރުބާންވި މީހުންނާ ދިމާލަށް ބޭނުންހާ އެއްޗެއް ބޭނުން ގޮތަކަށް ކިއުމަކީ ޕާޓީ އަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައި ވާއިރު ރައީސް ވިދާޅުވީ އިންތިހާބުގައި ވޯޓު ހޯދަން މަސައްކަތް ކުރަން ޖެހޭކަަމަށެވެ. އެހެންނަމަވެސް ޕާޓީއަށްޓަކައި ބުރަ މަސައްކަތް ކުރެއްވި ބޭފުޅުންނާ ދިމާލަށް ހިތު ހުރި އެއްޗެއް ގޮވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ހުރިހާ މެމްބަރުނާއެކު ކަމަށެވެ.