އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދޫއަށް ވަޑައިގަތުމާ ދިމާކޮށް އެ ރަށުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

އެކަން ޕީޕީއެމްއިން ހާމަކޮށްފައި ވާއިރު، ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު "ދަ ޕްރެސް" އަށް ވިދާޅުވީ ރައީސް ސޯލިހުގެ ޖަލްސާ ކުރިއަށް ދިޔައިރު ފުލުހުން ލައިން ދަމާފައި ހުރި ސަރަހައްދުގައި ސުލްހަވެރިކޮށް މުޒާހަރާކުރަމުން ދިޔަ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ހަރާން ހުކުމް ބާތިލުކުރުމަށް ކަމަށް ފައިހަތު ވިދާޅުވިއެވެ.

ފުލުހުން ދަމާފައިވާ ލައިން ފަހަތަށް ޖެއްސުމަށްޓަކައި ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ބާރުގެ ބޭނުންކޮށްގެން ސައުންޑް ސިސްޓަމް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފައިހަތު ވިދާޅުވިއެވެ.

ފައިހަތު ވިދާޅުވީ މިހާރު އެ މުޒާހަރާ ނިމިފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް އިދިކޮޅުން ރަށްރަށުގައި މުޒާހަރާ ކުރަމުން އަންނައިރު އެ މުޒާހަރާތަކުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވަމުން އަންނަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ. އަދި ބައެއް ރަށްތަކުގައި ނުފުއްދާ ހުރި ކަންކަމުގެ ވާހަކަތައް ގަނޑުތަކުގައި ލިޔެ، މުޒާހަރާތައް އަންނަނީ ކުރަމުންނެވެ.