ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަލްސާ މިރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިރޭ 8:45 ގައި ބާއްވާ ކެމްޕެއިން ޖަލްސާ ފުރަތަމަ ބާއްވަން ހަމަޖެހިފައި ވަނީ ރެހެންދި ހިނގުމުގައެވެ. ނަމަވެސް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ ޖަލްސާ ޕީޕީއެމް އޮފީސް ކުރިމައްޗަށް ބަަލަދުކުރަން ނިންމާފައިވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.
މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވީ ނަމަވެސް ކެމްޕެއިން ހަރަކާތްތައް އަންނަނީ ހިނަގަމުންނެވެ. މިއާއެކު ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ އިހުތިޖާޖުތައް ވެސް އަންނަނީ ކުރަމުންނެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއާ ދިމާކޮށް އިދިކޮޅުން މި ދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ޖަލްސާއެއް ބާއްވާފައެވެ. ޕީޕީއެމުން ވަނީ ރައީސް ޔާމީނަށް ކޮށްފައި ވަނީ "ހަރާމް" ހުކުމެއް ކަމަށް ބުނެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން "ސަބަބުވެރި ހިނގާލުން" މި ނަމުގައި ވަނީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ ހިނގާލުމެއް ބާއްވާފައެވެ.
ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރުމުގެ ކުރިން 2023 ގެ އިންތިހާބުގެ ކެމްޕެއިންގައި އެކި އަތޮޅުތަކަށް ވަނީ ވަޑައިގެންފައެވެ. އެގޮތުން ދ. ކުޑަހުވަދޫއަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި ނ އަތޮޅުގެ ރަށްތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫގެ އިތުރުން އައްޑޫ ސިޓީއަށް ވެސް ވަނީ ވަޑައިގެންފައެވެ.