ގަތަރުގައި ހިނގަމުންދާ ފީފާ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ކްރޮއޭޝިއާ ހޯދައިފިއެވެ. މުބާރާތުގެ ތިން ވަނަ ޓީމު ހޮވަން މިރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާ ވަނީ މޮރޮކޯ 2-1 އިން ބަލިކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކްރޮއޭޝިއާއެވެ. ފުރަތަމަ ހާފްގެ 7 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ޔަސްކޯ ވަޑިއޯލެވެ.
އޭނގެ ކުޑަ އިރު ކޮޅެއް ފަހުން މޮރޮކޯއިން ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރިއެވެ. މެޗުގެ 9 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަޝްރަފް ޑާރީއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ އިތުރު ލަނޑެއް ޖަހާ އަނެއްކާވެސް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މިސްލާވް އޮރްސިޗްއެވެ. މިލަނޑަކީ މުބާރާތުގައި ފެނިގެން ދިޔަ އެންމެ ރީތި އެއް ލަނޑެވެ.
ދެވަނަ ހާފްގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު އިރު މެޗުގެ އެންމެ ފަހު ވަގުތު ސްކޯ އެއްވަރު ކުރަން މޮރޮކޯއަށް ލިބުނެވެ. އެހެން ނަމަވެސް އަލް ނަސީރީ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން މައްޗަށެވެ.
މެޗު ނިމުނީ 2-1 އިން ކްރޮއޭޝިއާ މޮޅުވެގެން މުބާރާތުގެ ތިން ވަނަ ލިބިގެންނެވެ. 2018 ވަނަ އަހަރު ކްރޮއޭޝިއާ ފައިނަލަށް ދިޔަ އިރު އެފަހަރު ފައިނަލްގައި އެޓީމު 2-4 އިން ފްރާންސް އަތުން ބަލިވިއެވެ.