ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހި ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ވޯލްޑްކަޕްގައި ބޭނުން ކުރި ކޮންޓެއިނާ ގެތައް ތުރުކީއަށް ފޮނުވަން ފަށައިފިއެވެ.

މުދާ އުފުލާ ބޮޑު ބޯޓެއްގައި ފުރަތަމަ ޝިޕްމަންޓް ފޮނުވި އިރު ޖުމްލަ 400 ގެ ވަނީ ފޮނުވާފައެވެ. ބައެއް ކޮންޓެއިނާތަކުގައި ޑަބަލް ބަންކު ބެޑާއި ކޫޑަ މޭޒަކާއި ގޮނޑިއާއި މިނީ ފްރިޖާއި ފިނިކުރެވޭ ނިޒާމުގެ އިތުރުން ކައްކާލައި ކެވޭނެ އިންތިޒާމުވެސް ހުރެއެވެ. ގޮދަޑިއަޅާ ރީތިކޮށް ހަދާފައި ހުންނަ މި ކޮންނެއިނާ ގެތައް އެތެރެއިން ފެންނަ އިރު ހީވާނީ 1 ރޫމް އެޕާޓުމަންޓެއް ހެނެވެ.

މީގެ 400 ޔުނިޓް ފުރަތަމަ ބުރުގައި ފޮނުވާ އިރު، ދެވަނަ ޝިޕްމަންޓް ވަރަށް އަވަހަށް ފުރާނެ ކަމަށް ތުތުކީއަށް ކަނޑައަަޅާފައި ހުންނަވާ ގަތަރު އެމްބެސެޑަރު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 6 ގައި ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް އައި ބިންހެލުމުގައި 50،000 މީހުން މަރުވެ ތުރުކީ ފަޅިން ހާލުގައި ޖެހުނު މީހުންގެ އަދަދު ވަނިީ 1.9 މިލިއަނަށް އަރާފައެވެ. ދާހިލީ ހަނގުރާމައާއި ބިންހެލުމާ ގުޅިގެން ސީރިއާއިން 8.8 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ.

ވޯލްޑްކަޕްގައި ގަތަރުގައި ބޭނުން ކުރި ކޮންޓެއިނާ ގެއެއް

ހަބަރުތައް ބުނާގޮތުން، ތުރުކީ ފަޅިން 170،000 ގެ ވެއްޓިފައި ވާ އިރު، ހާލުގައި ޖެހުނު މީހުން ދިރިއުޅެނީ ވަގުތީ ޓެންޓްތަކާއި، ރެއިލްވޭ ސްޓޭޝަންތަކާއި ސްކޫލްފަދަ ތަންތާނގައެވެ. ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ގިނަ އެހީ މިވަގުތުވެސް ދެގައުމަށް ބޭނުންވާ އިރު، ހާލުގައި ޖެހުނު މީހުންނަށް ފިންޏާއި ހޫނުން ރައްކާތެރިވެވޭވެ އިންތިޒާމްތަކެއްވެސް މިވަގުތަކު ނެތެވެ.