ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑްކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ހުރި ކޮޓަރި މިނީ މިއުޒިއަމް އަކަށް ހަދަން ނިންމައިފިއެވެ.
މެސީއާ އާޖެންޓީނާގެ ޓީމުން މުޅި މުބާރާތުގައި ތިބީ ގަތަރު ޔުނިވާސިޓީ ކެމްޕަސްގައި އެޓީމަށް ހަދާފައި ހުރި ހާއްސަ ކޮޓަރިތަކެއް ގައެވެ. ގަތަރު ޔުނިވާސިޓީއިން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ މެސީ ހުރި ކޮޓަރި އޭނާއަށް ޓަކައި މިނީ މިއުޒިއަމް އަކަށް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޔުނިވާސިޓީއިން ވަނީ އެކޮޓަރީގެ ފޮޓޯތައް ފޭސްބުކްގައި ހިއްސާކޮށްފައެވެ.
މިމަހުގެ 18 ވަނަ ކުޅުނު ފައިނަލް މެޗު އާޖެންޓީނާ ކާމިޔާބުކޮށް 36 އަހަރަށް ފަހު ވޯލްޑްކަޕް ތަށި އުފުލާލީ 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފައެވެ. މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވި އިރު ސްކޯ 2-2 ގައި އޮތުމުން އިތުރު 30 ކުޅެ ދެ ޓީމުން އިތުރު ދެ ލަނޑު ޖެހުމާއެކު 120 މިނެޓްގެ ކުޅުން ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ފައިނަލްގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނު އިރު އާޖެންޓީނާ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރީ 4-2 އިންނެވެ.
މިމެޗުގައި އާޖެންޓީނާގެ ކެޕްޓަން މެސީ ދެ ލަނޑު ޖެހި އިރު މުޅި މުބާރާތުގައި އޭނާ ވަނީ އާޖެންޓީނާއަށް 7 ލަނޑު ކާމިޔާބުކޮށް ދީފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ވެސް މެސީއަށެވެ.
2014 ވަނަ އަހަރުގެ މުބާރާތުގައި ވެސް މެސީއަށް މި އެވޯޑް ލިބުނު އިރު މެސީ އަކީ ވޯލްޑްކަޕް ތާރީހުގައި ވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރަށް ލިބުނު ހަމައެކަނި ކުޅުންތެރިޔާއެވެ.