މިދިޔަ އާދިއްތަ ދުވަހު ފީފާ ވޯލްޑްކަޕްގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ވޯލްޑްކަޕްގެ ތަށި އުފާލާލި އާޖެންޓީނާގެ ޓީމު އަނބުރާ ގައުމަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޓީމަށް ގައުމަށް ދެވުނީ އާޖެންޓީނާ ގަޑިން ދަންވަރު 02:24 ގައެވެ. އެހެން ނަމަވެސް 36 އަހަރަށް ފަހު ވޯލްޑްކަޕް ތަށި ހޯދައިދިން އާޖެންޓީނާގެ ޓީމަށް މަރުހަބާ ކިއުމަށް ވެރިރަށް ބޮއިނަސް އޭރީސްގައި އޮންނަ ވައިގެ ބަނދަރަށް އެތަށް ހާސް ބަޔަކު ވަނީ އެއްވެފައެވެ.
ވޯލްޑްކަޕް ތަށި ހޯދުމުން އުފާ ފާޅުކުރުމުގެ ހަރަކާތްތައް މިއަދު މެންދުރު އާޖެންޓީނާ ގަޑިން މެންދުރު 3 ޖަހާ އިރު އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ހަރާކާތްތައް އޮންނާނީ ބޮއިނަސް އޭރީސްގެ މެދުތެރޭގައި ހަދާފައި އޮންނަ މައިދާނެއްގައެވެ.
އާދިއްތަ ދުވަހުގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދަކީ އާޖެންޓީނާއަށް ބަންދު ދުވަހެއްގެ ގޮތުގައި އެގައުމުގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އާޖެންޓީނާގެ ސަރުކާރުން ބުނީ މިއަދު ބަންދު ކުރީ ގައުމަށް ލިބުނު މި އުފަލުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިކުރުމުގެ ބޭނުމުގައި ކަމަށެވެ.
ގަތަރު 2022 ގެ ފައިނަލް މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ. ފައިނަލް މެޗު ޕެނަލްޓީއާ ހިސާބަށް ދިޔައީ މެޗުގެ 90 މިނެޓް ހަމަވީ އިރު 2-2 އިން ސްކޯ އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގައި ކުޅުނު 30 މިނެޓްގައި ވެސް ދެ ޓީމުން ވެސް ލަނޑު ޖަހުމުންނެވެ. 120 މިނެޓްގެ ކުޅުން ނިމުނު އިރު ސްކޯ އޮތީ 3-3 ގައެވެ.
މިމެޗުގައި ދެ ލަނޑު ޖެހި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއަށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބުނު އިރު 1966 ވަނަ އަހަރުގެ ފަހުން ފައިނަލް މެޗެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ފްރާންސްގެ ކިލިއަން މަމްބާޕޭއަށް ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ލިބިފައެވެ.
މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފަނާންޑޭޒްއެވެ. އަދި އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އާޖެންޓީނާގެ އެމީ މާޓީނޭޒްއެވެ.