މިދިޔަ މަހު ފްރާންސް ބަލިކޮށް ވޯލްޑްކަޕްގެ ތަށި އުފުލާލި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއަށް އޭނާގެ ކްލަބް ކަމަށްވާ ފްރާންސްގެ ޕީއެސްޖީގެ ދަނޑުގައި ވޯލްޑްކަޕް ތަށި ދައްކާލަން ފުރުސަތު ނުދެވޭނެ ކަން ކްލަބުން އަންގައިފިއެވެ.
ފްރާންސްގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ވޯލްޑްކަޕަށް ފަހު މެސީ ޕީއެސްޖީއަށް ކުޅޭ ފުރަތަމަ މެޗު އޮތީ މިރޭ ޕީއެސްޖީގެ ދަނޑުގައި އެންޖާސްއާ ދެކޮޅަށެވެ.
ވޯލްޑްކަޕް ތަށި ހޯދައިގެން އަންނަ ކުޅުންތެރިންނަށް ކްލަބްގެ ދަނޑުގައި ތަށި ދައްކާލަން ފުރުސަތު ކުރިން ދިން ނަމަވެސް ޕީއެސްޖީން މެސީއަށް މިފުރުސަތު ނުދިނީ ފައިނަލް މެޗުގައި ފްރާންސް ބަލިކުރުމުން ޕީއެސްޖީގެ ސަޕޯޓަރުންގެ ނުރުހުން މެސީއަށް އަމާޒުވެދާނެތީ އެވެ. މީގެ އިތުރުން، ވޯލްޑްކަޕަށް ފަހު މެސީ ބައިވެރިވި ފުރަތަމަ ފަރިތަކުރުންތަކުގައި ޕީއެސްޖީން އޭނާއަށް ޝަރަފުތައް ދިން ކަމަށާ އެވަރުން ފުދޭނެ ކަމަށް ވެސް ކްލަބުން ދެކޭ ކަމަށް ފަރަންސޭސި މީޑިއާއިން ރިޕޯޓް ކުރެއެވެ.
ބައެއް ނޫސްތަކުން ބުނަނީ މިއީ އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒްގެ ފްރާންސްގެ ފޯވަޑް ކިލިއަން މަމްބާޕޭއަށް މަލާމަތްކޮށް ހެދުމުން މެސީ އެކަން ހުއްޓުވާތަން ނުފެންނާތީ ފަރަންސޭސި ސަޕޯޓަރުންގެ މެސީއާ ދެކޮޅަށް ނުރުހުން ފާޅުކުރަން ފުރުސަތު ނުދޭން ޕީއެސްޖީން ނިންމި ނިންމުމެއް ކަމަށެވެ.
ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ފްރާންސް ބަލިކުރި އިރު މަމްބާޕޭ ވަނީ އެމެޗުގައި ހެޓްރިކެއް ހަދާ ޕެނަލްޓީ ޝޫޓް އައުޓްގައި ވެސް މާޓީނޭޒްގެ ގޯލު ފޫއަޅުވާލާފައެވެ. އެހެން ނަމަވެސް ތަށި ހޯދުމަށް ފަހު އާޖެންޓީނާގެ ޓީމުން އުފާ ފާޅުކުރަމުން ދިޔަ އިރު މާޓީނޭޒް ވަނީ މަމްބާޕޭގެ މޫނު ޖެހި ކުޑަ ބުދެއް ހިފައިގެން ގަތަރު 2022 ގައި އެންމެ ގިނަ ލަނޑު ޖެހި މަމްބާޕޭ އަށް މަލާމަތްކޮށްފައެވެ. މާޓީނޭޒް ބުދު ހިފައިގެން ހުންނަ އިރު މެސީ ވެސް އޭނާގެ ކައިރީގައި ހުއްޓިގެން ހުންނަތަން ފެނެއެވެ.