2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސް މިއަހަރުގެ ވޯލްޑްކަޕްގެ ސެމީއަށް ދަތުރުކޮށްފިއެވެ. ފްރާންސް ސެމީއަށް ދިޔައީ މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ ހަތަރު ވަނަ މެޗުގައި 2-1 އިން އިންގްލޭންޑް ބަލިކުރުމަށް ފަހުއެވެ.
މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ފްރާންސުންނެވެ. އަދި އެޓީމުން ވަނީ މެޗުގެ 17 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑަކީ ޓީމުގެ ޒުވާން މިޑްފީލްޑަރު އޮރިލިއަން ޓުއާމީނީ ދުރުން ފޮނުވާލި ރީތި ލަނޑެކެވެ.
ފުރތަމަ ހާފްގައި އިންލޭންޑަށް ވެސް ނުރައްކާތެރި ދެ ތިން ހަމަލާ އުފެއްދުނު އިރު ހާފް ނިމިގެން ދިޔައީ ފްރާންސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި މޮޅަށް ކުޅުނީ އިންގްލޭންޑުންނެވެ. މިގޮތުން އެޓީމުގެ ހެންޑާސަން އަދި ސާކާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނުނު އިރު މެޗުގެ 53 ވަނަ މިނެޓްގައި ސާކާއަށް ކުރި ފައުލަކަށް އިންގްލޭންޑަށް ޕެނަލްޓީއެއް ލިބުނެވެ.
މި ޕެނަލްޓީ އިންގްލޭންޑަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއާއެކު ކޭން ވަނީ އިންގްލޭންޑްގެ ފިރިހެން ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ވެއިން ރޫނާއާ އެއްވަރަށް ލަނޑު ޖަހާފައެވެ. އެއީ ޖުމްލަ 53 ލަނޑެވެ.
މެޗުގައި އިންގްލޭންޑުން އިތުރު ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ދެން ލަނޑު ޖެހީ ފްރާންސުންނެވެ. މިގޮތުން އެޓީމުގެ ފުލު ފުލުގައި އުފެއްދި ދެ ހަމަލާގެ ތެރެއިން ދެވަނަ ހަމަލާގައި އޭރިއާ ތެރެއަށް އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ސްކޯ 2-1 އަށް ހަދާ ދިނީ އޮލިވިއޭ ޖިރޫއެވެ.
މެޗުގެ ސްކޯ ހަމަހަމަ ކުރަން އިންގްލޭންޑަށް އަނެއްކާވެސް ފުރުސަތެއް ލިބުނު އިރު މެޗުގެ 84 ވަނަ މިނެޓްގައި އެޓީމަށް އަނެއްކާވެސް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް ކޭން މިފަހަރު ޕެނަލްޓީ ޖެހީ ސީދާ މައްޗަށެވެ.
1-2 ގެ ނަތީޖާ އޮވެގެން މެޗު ނިމުނު އިރު ފްރާންސް މިވަނީ ތަށި ދިފާއު ކުރަން ކުރާ މަސައްކަތުގައި މުބާރާތުގެ ސެމީއަށް ގޮސްފައެވެ. ސެމީގައި އެޓީމުން ވާދަކުރާނީ ޕޯޗުގަލް ސިއްސުވާލާ ސެމީއަށް ދިޔަ މޮރޮކޯއާއެވެ.