ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގެ ކުއާޓާ ފައިނަލަށް ފުރަތަމަ ފަހަރަށް މޮރޮކޯ ދަތުރުކޮށްފިއެވެ.
މޮރޮކޯ ކުއާޓާއަށް ދިޔައީ ދެވަނަ ބުރުގައި ސްޕެއިންއާ ކުޅެ ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯދި ސްޕެއިނާއި މޮރޮކޯ ވާދަކުރި މެޗުގެ 90 މިނެޓް ހަމަވީ އިރު ދެ ޓީމު ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހުމުން އިތުރު ވަގުތުގެ ގޮތުގައި 30 މިނެޓް ކުޅުނެވެ.
15 މިނެޓްގެ ދެ ހާފްގައި ވެސް ދެ ޓީމަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން މަޖްބޫރުވިއެވެ. ޕެނަލްޓީ ޝޫޓް އައުޓް މޮރޮކޯ ކާމިޔާބު ކުރީ 3-0 އިންނެވެ. ސްޕެއިންއަށް އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބުކުރެވިފައި ނުވާ އިރު މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ ތިން ޕެނަލްޓީއެއް ސޭވްކޮށްފައެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މޮރޮކޯއަށް ޝޫޓް އައުޓް މޮޅުކޮށް ދިން ޕެނަލްޓީ ޖެހި އަޝްރަފް ހަކީމީ އަކީ ސްޕެއިންއަށް އުފަން މޮރޮކޯގެ ކުޅުންތެރިއެކެވެ.
މޮރޮކޯގެ މި ތާރީހީ މޮޅަށް ފަހު އެޓީމުން ކުއާޓާގައި ކުޅެން ޖެހޭނީ ސުވިޓްޒަލޭންޑާއި ޕޯޗުގަލް މިރޭ ކުޅޭ މެޗުން މޮޅުވާ ޓިމަކާއެވެ.