ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް މުބާރާތުގައި މިހާތަނަށް ވެސް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ފެނިގެން ގޮސްފައިވާ އިރު އިއްޔެ ގްރޫޕް އީގައި 2-1 އަކުން ޖާމަނީ ބަލިކޮށް ޖަޕާނުން މިވަނީ ތާރީހީ މޮޅެއް ހޯދާފައެވެ.
މެޗުގައި ޖަޕާނުން ފަހަތުން އަރާ ޖާމަނީ ބަލިކުރި އިރު ދަނޑު މަތީގައި ޖަޕާނުން ދެއްކި ކުޅުމަށް ގިނަ ބަޔަކު ތައުރީފް ކުރިއެވެ.
މެޗަށް ފަހު ވެސް މިވަނީ ޖަޕާނަށް ގިނަ ބައެއްގެ ތައުރީފް ލިބިފައެވެ. އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ޖާމަނީ ފަދަ ގަދަފަދަ ޓީމެއްގެ މައްޗަށް ހޯދި މި ކާމިޔާބީއަށް ފަހު ޖަޒުބާތުގައި ޖެހިގެން އުފާފާޅުކުރުމުގައި މުޅި ރޭ ހޭދަކުރި ނަމަވެސް ޖަޕާނުގެ ސަޕޯޓަރުންނަށް އެއްވެސް ދެރަ ބަހެއް ނުލިބުނީސްއެވެ.
އެހެން ނަމަވެސް މިއީ ޖަޕާނުގެ ގޮތެއް ނޫނެވެ. މީގެ ކުރީގެ ވޯލްޑްކަޕްތަކުގައި ފެނުނު ރީތި އަހްލާގް ރޭ ގެ މެޗަށް ފަހު ވެސް ވަނީ ފެނިފައެވެ. މިގޮތުން، މެޗަށް ފަހު ޖަޕާނުގެ ފޭނުން ވަނީ ސަޕޯޓަރުން ބަލަން ތިބި ސްޓޭންޑްތަކަށް އަޅާފައިވާ ކުނިތައް ނަގާ އެތަން ސާފުކޮށް ހަދަން މަޑުކޮށްފައެވެ. ދަނޑުން މީހުން ނިކުންނަން ފެށުމުން ޖަޕާނުގެ ސަޕޯޓަރުން ނޫކުލައިގެ ޑިސްޕޯސަބަލް ކޮތަޅުތަކެއް ނަގައިގެން ކުނި ހޮވާތަން ފެންނަ ގިނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ އާންމުވަމުންނެވެ.
އަލްޖަޒީރާ ނިއުސްއާ ވާހަކަ ދެއްކި ޖަޕާނުގެ ސަޕޯޓަރެއް ބުނީ މިއީ ޖަޕާނުގެ ރައްޔިތުންނަށް އާކަމެއް ނޫން ކަމަށާ އެހެން ހުރިހާ މީހުންނަށް މިކަން އާދިޔާ ހިލާފު ކަމަކަށްވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. ސާނޯ ނަމަކަށް ކިޔާ މިމީހާ ބުނީ ފާހަނައެއް ބޭނުންކޮށްފައި ނުވަތަ ކޮޓަރިއަކުން ނިކުތަސް އެތަން ރަމަތަކޮށް ސާފުކުރުމަކީ ޖަޕާނު މީހުންނަށް އެންމެ ކުޑަ އިރުސުރެ ދަސްކޮށްދޭ ކަންކަމަށާއި މިއީ މިހާރު ކަށީގައި ހިފާފައިވާ ކަން ކަމަށެވެ.
ގަތަރާއި އިކުއަޑޯ މެޗުގެ ފަހުން ވެސް ޖަޕާނު ސަޕޯޓަރުން ސާފުކުރަން މަޑުކުރި
މިމަހުގެ 20 ވަނަ ދުވަހު މުބާރާތް ފެށުމަށް ވޯލްޑްކަޕް ބާއްވާ ގައުމު ގަތަރާއި އެކުއަޑޯ ކުޅުނު މެޗަށް ފަހު ދައުރުވީ ވީޑިއޯއެއް ވެސް ވަނީ މިހާރު ވައިރަލް ވެފައެވެ. މި ވީޑިއޯގައި ފެންނަނީ އެ ޓީމު ކުޅުނު މެޗަށް ފަހު ވެސް އެ މެޗު ބަލަން ގޮސް ތިބި ޖަޕާނުގެ ސަޕޯޓަރުން ގޮނޑިބަރިތަކުން ކުނި ހޮވާ ސާފުކުރާ މަންޒަރެވެ. އެކަން ކުރަމުންދާ ޖަޕާނުގެ ފޭނެއް ބުނީ، ޖަޕާނުގެ އެއްވެސް ރައްޔިތަކުން ތަނަކަށް ކުނި އަޅާފައި ނުދާނެ ކަމަށާ ދިޔަކަ ވެސް ނުދޭނެ ކަމަށެވެ.
ޖަޕާނު ކުޅުންތެރިންގެ ފަރާތުން ވެސް މި ނަމޫނާ
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯއެއްގައި ވަނީ ޖާމަނީއާއި ދެކޮޅަށް ކުޅުނު މެޗުގައި ޖަޕާނުގެ ކުޅުންތެރިން ބޭނުން ކުރި ޑްރެސިންގް ރޫމް ދައްކާލާފައެވެ. އެ ޕޮސްޓްގައި ބުނާ ގޮތުން ޖަޕާނުގެ ކުޅުންތެރިން އެތަން ބޭނުންކުރުމަށް ފަހު ވަނީ ސާފުކޮށް ރަމަތަކޮށްފައި ކަމަށެވެ. ބިންމަތިން އެންމެ ކުނިކޮޅެއް ވެސް ފެންނަން ނެތް އިރު އެކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ހުރީ ތަރުތީބުކޮށް ރަމަތަކޮށްފައެވެ.
ޖަޕާނުގެ ނަމޫނާ މުޅި ދުނިޔެއިން ބަލައިގަންނަން ޖެހޭ
ގަތަރުގައި ބާއްވާ ވޯލްޑްކަޕްއަކީ އިންސާނީ ހައްގުތަކަށް އަރައިގަނެ އެކި އެކި މީހުންގެ އަޑުތައް ކަނޑުވާލަން މަސައްކަތް ކުރާ މުބާރާތެއް ކަމަށް ބުނެ ހުޅަނގުގެ މީޑިއާއިން ދޮގު ހަބަރުތައް ފަތުރަމުންދާ މިދަނޑިވަޅުގައި މުބާރާތް ބާއްވާ ގައުމަށް އިހްތިރާމްކޮށް ޖަޕާނުން ދެއްކި ނަމޫނާ ބަލައިގަންނަން ޖެހެއެވެ. ސްޓޭޑިއަމްތަކުގައި ރާ ވިއްކުން މަނާ ކުރުމާ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުމުގެ ރަމްޒީ ނިޝާންތައް ބޭނުން ކުރުން މަނާ ކުރީ މިއީ ގަތަރުގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ކަންކަން ކަމުން ގައުމެއްގެ އާދަކާދަތަކަށް އިހްތިރާމްކޮށް އެކަންކަން ބަލައިގަންނަން ދަސްކުރަން ޖެހެއެވެ.