މީގެ ހަ އަހަރު ކުރިން ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަން ތަރައްގީ ކޮށް ފުޅާ ކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަހަރުތަކެއް ވެގެން ދިޔަ އިރު ވެސް ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން ތަރައްގީ ނުކުރެވުން ކަމަށާއި، އެ ތަންތަނަކީ ދުރު ރާސްތާގެ ރޭވުމެއް ނެތި ދޫކޮށްފައިވާ ތަންތަން ކަމަށެވެ.

އޭގެ ތެރޭގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް މީގެ ހަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ތަންތަން ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ތަންތަން ވިއްކާލިއިރު، އެ ތަންތަނުގެ އަގު އަދިވެސް ދައުލަތަކަށް ނުލިބެއެވެ.

"އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުއީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް، އޭސީސީން އަންނަނީ ތަހްގީގު ކުރަމުން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އޭގެ އިތުރުން، އަލަށް ހަދާ ރިސޯޓުތައް ތަރައްގީ ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިންގާފައި އޮތް އެންމެ ބޮޑު ހިޔާނާތެވެ. ދައުލަތަށް ލިބެން ޖެހޭ 3.4 ބިލިއަން ރުފިޔާ އޭރުގެ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިހުތިސޯސްގެ ތެރެއިން ކުއްޔަށް ދޫކުރާ ރަށްރަށާއި ފަޅުފަޅުން ދައުލަތަށް ލިބެންޖެހޭ ފައިސާ އަށް އެތަންތަނުގައި އޭރު އެންމެ އިސްކޮށް ތިއްބެވި ވެރިންނާއި އާންމުންގެ ތެރެއިން ބަޔަކާއި މާލީ ނިޒާމު ގުޅިގެން ވަނީ ހިޔާނާތްތެރިވެފައެވެ. އެ ހިޔާނާތް ހިންގި އިރު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އަބްދުﷲ ޒިޔަތެވެ.