ކޮވިޑްގައި އަދިވެސް މީހުން މަރުވަމުން ދިޔަ ނަމަވެސް، އެ ބަލިމަޑުކަން އެމެރިކާގައި ނިމިއްޖެ ކަމަށް ރައީސް ޖޯ ބައިޑަން އިއުލާން ކުރައްވައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، އެމެރިކާގައި މިހާރުވެސް އެވްރެޖްކޮށް ދުވާލަކު 400 މީހުން ކޮވިޑްގައި މަރުވެއެވެ. ބައިޑަން ވިދާޅުވީ، އަދިވެސް މައްސަލަ ހުންނާނެ ކަމަށާއި ނަމަވެސް ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

ބައިޑަން މިހެން ވިދާޅުވެފައި ވާއިރު، ބަލިމަޑުކަން ނިމޭތަން ފެންނަކަމަށް ޑަބްލިއުއެޗްއޯއިންވެސް މިދިޔަ ހަފްތާގައި އޮތީ ބުނެފައެވެ.

"ފާހަގައެއް ނުވޭތަ، އެއްވެސް މީހަކު މިހާރު މާސްކެއް ނާޅާނު، ހީވަނީ އެންމެންވެސް މިހާރު ހަމައަކަށް އެޅެމުންދާހެން"
ބައިޑަން

ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑަން މިހެން ވިދާޅުވިނަމަވެސް އެމެރިކާގެ ސިއްހީ އޮފިޝަލުން ވިދާޅުވަނީ، ކޮވިޑްގެ ބަލިމަޑުކަމާ އެކު އެމެރިކާގައި ތަންފީޒު ކުރަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އަދި ނިންމާފައި ނުވާ ކަމަށެވެ. އަންނަ އޮކްޓޯބަރުގެ 13 އަށް ދެމި އޮންނަ ގޮތަށް އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ޖެނުއަރީ 2020ގައެވެ.

އެމެރިކާއިން ކޮވިޑް ފެނި މިހާތަނަށް އައި އިރު މިލިއަނަކަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މި އަދަދުތަކާ އެކު އެވްރެޖްކޮށް ދުވާލަކު 400 މީހަކު މިހާރުވެސް މަރުވަމުން ދާ އިރު، ހުސްވި ހަފްތާގައި އެކަނިވެސް 3000 މީހުން މަރުވި ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރައީސް ޖޯ ބައިޑަން އެހެން ވިދާޅުވުމުން، އިދިކޮޅު ފަރާތްތަކާއި ސިޔާސީ ބައެއް ފަރާތްތަކުން ބައިޑަން އަށް ދަނީ ފާޑުވިދާޅުވަމުންނެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އެވެ. އޭނާ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަން ނިމިންޖެ ކަމަށް ބައިޑަން ވިދާޅުވި އިރު، ފުރިހަމަ ސިއްހަތުގައި ތިބި ގަދަފަދަ އެތައް ސިފައިންނެއް، ވެކްސިން ނުޖަހާ ތިބެގެން ވަޒީފާއިން ވަކި ކުރާ ކަމަށެވެ.

އެމެރިކާގައި ކޮވިޑް ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެކެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އަސްކަރިއްޔާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ވައިގެ މަގުން އެމެރިކާއަށް އެތެރެވާ އެހެނިހެން ގައުމުތަކުގެ މީހުންވެސް ވެކްސިން ފުރިހަމަ ކުރަން ޖެހެއެވެ.

ބައިޑަން ގެ އިތުރުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސް ގެ ހެޑް ޑރ. އެންތަނީ ފައުޗީ ވެސް ވިދާޅުވެފައި ވަނީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.