ޗައިނާގެ އަތްދަށުން މިނިވަން ނުވެވި، ޗައިނާއިން ދީފާނެ ހަމަލާއަކަށް ފާރަވެރިވާން ޖެހިފައިވާ ޓައިވާނަށް ޗައިނާއިން ހަމަލާއެއް ދީފި ނަމަ، އެމެރިކާ ސިފައިން ޓައިވާން ދިފާއު ކޮށްދޭނެ ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ސީބީއެސް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑަން ވިދާޅުވީ، ޔޫކްރައިން ހަނގުރާމަ އާ ހިލާފަށް ޗައިނާއާ ދެކޮޅަށް އެމެރިކާ ސިފައިން ހަނގުރާމަ ކުރާނެ ކަމަށެވެ. ޔޫކްރައިން އަށް އެމެރިކާއިން ފޮނުވަނީ ހަތިޔާރު ކަމަށާއި އަދި އެހީވަނީ އަސްކަރީ ގޮތުން ކަމަށް ވިޔަސް، ޔޫކްރައިން ހަނގުރާމައިގައި އެމެރިކާގެ ސިފައިން ބައިވެރިއެއް ނުވެއެވެ. އެއާ ހިލާފަށް ބައިޑަން ވިދާޅުވީ، ޗައިނާއިން ޓައިވާނަށް ކުއްލި ހަމަލާއެއް ދީ އަރައިފިނަމަ، ޓައިވާނަށް އެމެރިކާގެ ސިފައިން ފޮނުވާނެ ކަމަށެވެ.

މިއީ ޓައިވާނާއި ޗައިނާ އާ ގުޅޭ ގޮތުން އެމެރިކާއިން ގެންގުޅޭ ހުޅުވާލެވިފައި ވާ ސިޔާސަތާ ދުރުން އެެމެރިކާގެ ރައީސަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ބައިޑަންގެ މިވާހަކަ އާ ގުޅިގެން ފާޑިކުޔުންތައް އަމާޒު ވަމުން ދާއިރު، މިއީ އެމެރިކާއިން ޓައިވާނަށް އެހީވާން އެއްބަސްވެ ޓައިވާނާ ދެމެދު 1979 ގައި ސޮއިކޮށްފައި ވާ މުއާހަދާގައި ބުނާ ވާހަކަތަކަށް ބާރުދީ، ސިފައިން ފޮނުވާނެ ކަމަށް އެމެރިކާއިން ފާޅުގައި ބުނި ފުރަތަމަ ފަހަރެެވެ.

މިއަހަރުގެ މޭ މަހު ބައިޑަން ޖަޕާނަށް ކުރެއްވި ދަތުރުގައިވެސް މި މޭރުމުން ވާހަކަ ދައްކަވާފައި ވެއެވެ. ނަމަވެސް އޭރުވެސް ސިފައިން ފޮނުވާ ވާހަކަ ވިދާޅުވެފައި ނުވާ އިރު، ޖަޕާނުގައި ހުންނަވާ ވިދާޅުވީ، ޗައިނާގެ ހަމަލާއަކުން ޓައިވާން ދިފާއު ކުރައްވާނެ ކަމަށެވެ.

ބައިޑަންގެ މި ވާހަކައާ ގުޅިގެން ވައިޓްހައުސްގެ ތަރުޖަމާނު ވިދާޅުވީ، ބައިޑަން އެހެން ވިދާޅުވި ނަމަވެސް ޓައިވާނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށެވެ. މީގެ ކުރިން އެމެރިކާއިން ގެންގުޅެމުން އައީ "ވަން ޗައިނާ" ޕޮލިސީއެވެ. އެ ޕޮލިސީގައި ބުނާ ގޮތުން، ޓައިވާނަކީ ޗައިނާގެ ދަށުގައި އޮންނަ ސްޓޭޓެކެވެ. އަދި ޑިޕްލޮމެޓިކް ހުރިހާ ގުޅުމެއް ބާއްވާނީ ޗައިނާގެ ވެރިރަށް ބެއިޖިން އާ އެކުގައެވެ. ނަމަވެސް މިފަހުން އެމެރިކާއިން ވަނީ ޓައިވާނަށް 1.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެއްބަސްވެފައެވެ. އަދި އަސްކަރީ އެހީގެ އަދަދު 4.5 ބިލިއަން ޑޮލަރަށް އިތުރުކުރަން މިފަހުން ވަނީ ސެނޭޓުން ފާސްކޮށް، ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ބެއިޖިން އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންވެސް ފާސްކޮށްފައެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ވަކިން އޮންނަ ޓައިވާނަކީ، އެގައުމުގެ ބައެކެވެ. އަދި ވަކިވެ ގަތުމަށް މަސައްކަތް ކުރާނަމަ ބާރުގެ ބޭނުން ކޮށްގެންވެސް ހިފަހައްޓާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން މަސައްކަތް ކުރަނީ ޗައިނާގެ އަތްދަށުން ޓައިވާން މިނިވަން ކުރަން ކަމަށާއި، ސަރަހައްދުގެ ސުލްހަ މަސްލަހަތު ނަގާލަނީ އެމެރިކާއިން ކަމަށް ބުނެފައެވެ.