ސްރީލަންކާގެ ރައީސްކަމުން މިއަދު އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވާފައިވާ ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރޭ ދަންވަރު ރާއްޖެއަށް ވަޑައިގަތުމުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެހިތެރިވެ ދެއްވި ކަމަށް ތުހުމަތުކޮށް ދެ ގައުމުގެ އާންމުން ރުޅިގަދަވެއްޖެއެވެ.

މަސްރަހު ގޯހުން ގޯހަށް ގޯހަށް ގޮސްފައިވާ ލަންކާގެ އާންމުން ނުކުމެ، ރައީސްގެ ރަސްމީ ގެކޮޅު ހިސޯރު ކޮށްފައި ވާ އިރު، ގޮތަބަޔާގެ ދެކަނބަލުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވީ ލަންކާގެ އެއާޕޯޓާ ކައިރީގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ކަމަށް، ބޭރުގެ ބައެއް މީޑިއާތަކުގައި ބުނެފައި ވެއެވެ.

ބެލެވޭ ގޮތުގައި ގޮތަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައި ވަނީ އިސްތިއުފާ ދެއްވުމުން، ގޮތަބަޔާ ހައްޔަރުކޮށްފާނެތީއެވެ. ލަންކާގެ ގާނޫނު ބުނާ ގޮތުން، ރައީސް ކަމުގައި ހުންނެވިހާ ހިނދަކު ގޮތަބަޔާ ހައްޔަރެއް ނުކުރެވޭނެއެވެ. އެހެންކަމުން އޭނާ ރާއްޖެއަށް ވަޑައިގެން، އިސްތިއުފާ ދެއްވުމަށް ފަހު، ރާއްޖެ މަގުން ޔޫއޭއީ އަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއަދުގެ ބައެއް ހަބަރުތައް ބުނާގޮތުން، އޭނާ އިސްތިއުފާ ދެއްވަން ވިދާޅުވަނީ، އޭނާގެ އާއިލާއަށް ނިސްބަތްވާ ހުރިހާ މެންބަރުންނަށް ލަންކާއިން ނިކުމެވުނީމައެވެ.

އެ ގައުމުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އާއި ބައެއް މަސްދަރުތަކުން ރިޕޯޓު ކޮށްފައި ވާ ގޮތުން ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. އެ ފްލައިޓް އެއާޕޯޓަށް ޖެއްސި ވަގުތު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތްތެރިވެ ވަޑައިގަންނަވާ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. ސީއެންއެން އިން ބުނާ ގޮތުގައި އެ ފްލައިޓް ވެލާނާ އެއާޕޯޓުގައި ޖައްސަން ހުއްދަ ނުދިނަސް، އެކަން ބަދަލުވީ ނަޝީދު އެކަމުގެ ތެރެއަށް ވަދެވަޑައިގަތުމުންނެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ދެގައުމުގެ އާންމުން ނުރުހުން ފާޅުކުރަން ފެށި މަންޒަރެވެ.

އޭގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލީޖަން އޯ ބިލީފް ޑރ. އަހްމަދު ޝަހީދެވެ. ޝަހީދު ކުރެއްވި ޓްވީީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ފޮރިން ޕޮލިސީ އާ ހިލާފުވެވަޑައިގެންފައި ކަމަށާއި، މިއީ ސަރުކާރުން ލަދުވެތިވާން ޖެހޭ ފަދަ ކަމެއް ކަމަށެވެ.

"މިހާރު [ރައީސާއި] ސަރުކާރުގެ އިސް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ލަންކާގައި ހަމަނުޖެހުންތަކަށް ފުރުސަތު ދިން ލަންކާގެ ފަރާތްތަކަށް [ގޮތަބަޔާ އަށް] ރާއްޖޭން ހިމާޔަތް ދިނުމަށް!" ޑރ. ޝަހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އާންމުންގެ މީހަކު ކުރި ޓްވީޓެއްގައި ބުނީ، ދިވެހިންގެ ނަމުގައި ލަންކާގެ އާންމުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި، ލަންކާގެ އާންމުންގެ ނުރުހުމާ އެކު ވެސް، ދިވެހި ސަރުކާރުގެ އަމަލާ މެދު ލަދުވެތިވާ ކަމަށެވެ.

ލަންކާގެ އާންމުން ވެސް ނަޝީދަށާއި ސަރުކާރަށް ފާޑުކިޔާފައި ވާއިރު، އެ ގައުމުގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުން ބަނޑަށް ތިބެން ޖެހިފައިވާ ދަނޑިވަޅެއްގައި ގޮތަބަޔާ އަށް ރާއްޖޭގައި އަރާމުގައި އުޅެވޭ ގޮތް ހެދުމުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ނަޝީދު ވެސް ހުންނެވީ ހަނެވެ. ރައީސް އޮފީހުގެ ފަރާތުން ބަހެއް ލިބިފައި ނުވާއިރު، ފޮރިން މިނިސްޓްރީން ބުނީ އެ މައްސަލައާ މެދު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިކަމާ ބެހޭ އެއްވެސް ކަމެއް އެނގިފައި ނުވާ ކަމަށް، އެ އިދާރާއިން ވަނީ ބުނެފައެވެ.

ލަންކާގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސް އެގައުމުގެ ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރު ހިފައި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދިރިއުޅުއްވާ ގެކޮޅުގައި ހުޅުޖަހައި ރޯކޮށް، ގެއްލުން ދީފައި ވާއިރު، އެ ދެ ބޭފުޅުންވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާ ފައެވެ. އަދި އިސްތިއުފާގެ ސިޓީގައި ގޮތަބަޔާ ސޮއިކުރައްވައި، މިއަދުގެ ތާރީހު ޖައްސަވާފައި ވާއިރު، އޭނާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވި އިރު، ދިވެހި ސަރުކާރަށް ނޭނގި އޮވެދާނެ ކަަމާމެދު ސުވާލު އުފެދެއެވެ.