ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ގައުމަށް އެނބުރި ވަޑައިގަތުމުގެ ހައްގު ލިބެންޖެހޭކަމަށާއި ނަމަވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައި ވާ ތުހުމަތުތައް ބަލައި ދައުވާކުރަން ޖެހޭ ކަމަށް ލަންކާގެ އިދޮކޮޅު ޕާޓީ ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އިން ބުނެފިއެވެ.

އިދޮކޮޅު ލީޑަރު އަތިޖް ޕީ ޕެރޭރާ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގޮތަބަޔާ އަކީ ސިޔާސީ ހިމާޔަތެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށާއި ލަންކާގެ ރައްޔިތެއްކަމަށެވެ. އޭނާއަށް އަމިއްލަ ވަޒަނަށް އެނބުރި ވަޑައިގަތުމުގެ ފުރިހަމަ އިހުތިޔާރާއި ހައްގު ލިބިދިނަސް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި, އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ކޮންމެހެންވެސް ހިންގަން ޖެހޭނެ ކަމަށެވެ.

ގޮތަބަޔާގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައަކީ މީގެ ކުރިންވެސް ފެންމަތިވި މައްސަލައެކެވެ. އެއީ، އޭނާގެ މައިންބަފައިންގެ މަގުބަރާއަށް ދައުލަތުގެ ފައިސާއިން ހަރަދު ކުރެއްވި ކަމުގެ ތުހުމަތެވެ.

ތައިލޭންޑުގައި މިހާރު ހުންނެވި ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ގައުމަށް އެނބުރި ވަޑާއިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ތައިލޭންޑަކީ އެމަނިކުފާނު ގައުމު ދޫކުރައްވާ ހިމާޔަތް ހޯއްދެވި ތިންވަނަ ގައުމެވެ. ލަންކާގެ މަސްރަހު ގޯސްވެ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުން ވެދާނެ ކަމުގެ ބިރު ހީވުމާއެކު, ގައުމު ދޫކުރައްވައި އެންމެ ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. ރާއްޖޭގައި ދެދުވަހު ހުންނެވުމަށް ފަހު އޭނާ ވަނީ ސިންގަޕޫރަށް ވަޑައިގެން, ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔާފާ އަބޭވަރްދަނާ އަށް ފޮނުއްވި ސީޓީފުޅަކުން މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮރޮޕްޝަންގެ އަމަލުތަށް ހިންގާ, ނަހަމުގޮތުގައި ފައިސާ ބޭނުން ކުރެއްވުމުގެ އިތުރުން، 2009 ވަނަ އަހަރު ނިމުނު ލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިރު ހަނގުރާމައިގެ ޖަރީމާތައް ހިންގެވި ކަމަގެ ތުހުމަތުވެސް ގޮތަބަޔާގެ މައްޗަށް ކުރެއެވެ. ވުމާއެކު އެ މަނިކުފާނު ގައުމަށް ވަޑައިގެންނެވުމާއެކު މި ތުހުމަތުތަކަށް ދައުވާ އުފުލާ ޝަރީއަތް ހިންގަން ބަޔަކު ގޮވި ނަމަވެސް، ލަންކާގެ މިހާރުގެ ސަރުކާރުން އެފަދަ ކަމެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. ލަންކާގެ މިހާރުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަކީ ގޮތަބަޔާ ނިސްބަތްވާ ޕާޓީގެ މެޖޯރިޓީ އޮންނަ ގޮތަބަޔާއަށްވެސް ވަފާތެރި ބަޔަކު ތިބި ސަރުކާރެކެވެ.