ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިއުމުން ގައުމު ދޫކުރައްވާ ދިވެހިރާއްޖެ މަގުން ފިއްލަވާ ސިންގަޕޫރަށް ވަޑައިގަތުމަށްފަހު ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ގޮތަބަޔާ ރާޖަޕަކްސައާ ދެކޮޅަށް، ސިންގަޕޫރުގައި ދައުވާ ހުށަހަޅައިފިއެވެ.
އިންޓަނޭޝަނަލް ޓްރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައިޓީޖޭޕީ) އިން ސިންގަޕޫރުގެ އެޓާނީ ޖެނެރަލަށް ހުށަހެޅި ޖިނާއީ ޝަކުވާގައި، ވަގުތުން ވަގުތަށް ގޮތަބަޔާ ހައްރު ކުރުމަށް ގޮވާލާފައި ވަނީ، ހަނގުރާމައިގެ ޖަރީމާގެ މައްސަލައެއްގައެވެ.
އައިޓީޖޭޕީއިން ހުށަހެޅި 63 ސޮފްހާގެ ޝަކުވާގައި، 2009 ވަނަ އަހަރު ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސް ކަމުގެ މަގާމުގައި ހުންނަވައިގެން އެ ގައުމުގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު، ޖެނީވާ ކޮންވެންޝަންއާ ހިލާފު އަމަލުތައް، ގޮތަބަޔާ ހިންގެވި ކަމަށާ، އެ ޖިނާއީ ކުއްތަކަކީ، އެ ކޮންވެންޝަންގެ ދަށުން ސިންގަޕޫރުގައިވެސް ޝަރިއަތް ހިންގޭނެ ކުއްތަކެއް ކަމަށް ބަޔާން ކޮށްފައި ވެއެވެ.
ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު، ބައިނަލްއަގުވާމީ އިންސާނިއްޔަތު ކަމުގެ ގާނޫނާއި، ބައިނަލްއަގުވާމީ ޖިނާއީ ގާނޫނާ ހިލާފު އަމަލުތައްވެސް ގޮތަބަޔާ ހިންގެވި ކަމަށް އައިޓީޖޭޕީގެ ޝަކުވާގެ ބަޔާނުގައިވެއެވެ. އޭގެ ތެރޭގައި ގަސްތުގައި މީހުން މެރުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި ރޭޕް ކުރުމާއި އެނޫންވެސް ޖިންސީ ގޯނާ ކުރުމާއި، މިނިވަންކަން ނިގުޅައިގަތުމާއި، ޖިސްމާނީ ބޮޑެތި އަނިޔާތައް ދިނުމާއި، ނަފްސާނީ އަނީޔާ ދިނުމާއި ބަނޑަށް ޖެއްސުން ފަދަ ކަންކަން ހިމެނެއެވެ.
ދެކުނު އެފްރިކާގައި މަރުކަޒު ކޮށްގެން ހިންގާ އައިޓީޖޭޕީގެ އެގްޒެކެޓިވް ޑައިރެކްޓާ ޔާސްމީން ސޫކާ ވަނީ، އެފަދަ ޝަކުވާއެއް ގޮތަބާޔާއާ ދެކޮޅަށް، އެ ޖަމިއްޔާއިން ހުށަހަޅާފައި ވާނެ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެއީ ގޮތަބަޔާ ޖަވާބުދާރީ ވެވަޑައިގަތުން ލާޒިމު ދައުވާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ސޫކާ ވަނީ ވިދާޅުވެފައެވެ.
އައިޓީޖޭޕީއިން ވަނީ އެމެރިކާގެ ރަށްވެއްސެއްގެ ގޮތުގައި ގޮތަބާޔާ އެމެރިކާގައި ދިރިއުޅުއްވި ދުވަސްވަރުވެސް އޭނާ އާ ދެކޮޅަށް މަދަނީ 2 ދައުވާއެއް އުފުލާފައެވެ. އެ ތަނުން އެއް މައްސަލާގައި އިއްވި ހުކުމުގެ އަދަބެއްގެ ގޮތުން ގޮތަބަޔާ ވަނީ ކެލިފޯނިއާގެ ޕާކިން ލޮޓެއްގައި 2019 ވަނަ އަހަރު މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ހަމަ އެ އަހަރުގެ ފަހުކޮޅު، ސްރީލަންކާގެ ރައީސް ކަން ކަށަވަރު ކުރެއްވި ހިސާބުން، އޭނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓޯ ހޯއްދަވާފައެވެ. އަދި 2 މައްސަލަވެސް އަނބުރާ ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
ދާހިލީ ހަނގުރާމައިގެ ދުވަސްވަރު އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ ޖަރީމާތައް ހިންގާފައި ވާ ކަމުގެ ތުހުމަތުތަކަށް ގޮތަބާޔާ ތަކުރާރުކޮށް އިންކާރު ކުރައްވައެވެ. ހަމަ އެ މައްސަލާގައި މިފަހަރު އައިޓީޖޭޕީއިން ހުށަހެޅި ޝަކުވާއާ ގުޅިގެން ގޮތަބާޔާ އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އައިޓީޖޭޕީގެ ޝަކުވާއާ ގުޅިގެން ސިންގަޕޫރުގެ އެޓާނީ ޖެނެރަލްގެ އޮފީހުންވެސް އަދި އެއްޗެއް ބުނެފައެއްނުވެއެވެ.
ދިވެހިރާއްޖެ މަގުން ސިންގަޕޫރަށް ގޮތަބަޔާ ވަޑައިގެންފައި ވާ އިރު، އޭނާ ސިންގަޕޫރަށް ވަޑައިގަތީ ޕްރައިވެޓް ދަތުރުފުޅެއްގައި ކަމަށް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީއިން ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ބުނެފައެވެ. އަދި ސިންގަޕޫރުގެ ސިޔާސީ ހިމާޔަތަށް ގޮތަބަޔާ އެދިވަޑައިގެންފައި ނުވާ ކަމަށާ، އެ ފަދަ ހިމާޔަތެއް ދީފައި ނުވާނެ ކަމަށްވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.