ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑާއިގަންނަވަން ނިންމަވައިފި ކަމަށާއި މި މަހުގެ 24 ވަނަ ދުވަހު ވަޑައިގަންނަވާނެ ކަމަށް ހަބަރުތައް ބުނެފިއެވެ. ލަންކާއިން ރަޝިޔާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އުޑަންގާ ވިރާޓުުންގާ ވިދާޅުވީ, ލަންކާގެ ކުރީގެ ރައީސް އަންނަ ހަފްތާގައި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކުން ސަލާމަތްވެ ވަޑަައިގަވުމަށް، ލަންކާ ދޫކުރައްވާ ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެން މިހާރު ހުންނެވީ ތައިލޭންޑްގައެވެ. ގޮތަބަޔާ ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް ވަޑާއިގެންނެވީ މިދިޔަ ހަފްތާގައެވެ.

ތައިލޭންޑްގެ ބޮޑުވަޒީރު ޕްރަޔޫތު ޗަން-އޯޗާ ވިދާޅުވެފައި ވަނީ ގޮތަބަޔާ ތައިލޭންޑަށް ވަޑައިގަތުމަށް ހުއްދަ ދެއްވީ އިންސާނީ ސަބަބުތަކަށްޓަކާއި ކަމަށެވެ. އެހެނީ ލަންކާގެ ކުރީގެ ރައީސް ހިމާޔަތް ހޯއްދަވަމުން ގެންދަވަނީ ތިންވަނަ ގައުމުކުން ކަމަސް ވެފައި އެކަން ހަމަޖެހެންދެން މަޑުކުރެއްވޭނެ ގޮތް ހަދައި ދިނުމަށް ލަންކާގެ މިހާރުގެ ސަރުކާރުން އެދިފައި ވާތީކަމަށް ވެސް ވިދާޅުވިއެވެ. އިތުރު ތަފްސީލްތަކެއް ނުދެއްވި ނަމަވެސް ތައިލޭންޑްގައި ހުންނަވާއިގެން ކުރީގެ ރައީސް ގޮތަބަޔާ ސިޔާސީ ހަރަކާތެއް ނުހިންގަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ތައިލޭންޑްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ތާނީ ސަގްރާތު ވިދާޅުވެފައި ވަނީ ގޮތަބަޔާގެ ދަތުރުފުޅަކީ ވަގުތީ ދަތުރުޅެއްކަމަށާއި އެމަނިކުފާނު ސިޔާސީ ހިމާޔަތެއް އެގައުމުން ހޯއްދާފައި ނުވާ ކަމަށެވެ. މީގެ އިތުރުން ގޮތަބަޔާގެ އަތްޕުޅުގައި ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތުމުން ވީސާ ނެތި 90 ދުވަސް ވަންދެން މަޑުކުރެއްވުމުގެ ހުއްދަ ވަނީ ދީފައެވެ.

ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ އެމަނިކުފާނުގެ ދަތުރުފުޅުގެ ޕްލޭންތަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު, މިދިޔަ މަހު ގައުމުން ފިއްލަވެވުމަށް ފަހު, އެމަނިކުފާނު އެންމެ ފުރަތަމަ, ލަންކާގެ އަސްކަރީ މަތިންދާ ބޯޓެއްގައި ވަޑާއިގެންފައި ވަނީ ރާއްޖެއަށެވެ. ރާއްޖޭގައި ހުންނެވި 2 ދުވަހު އެމަނިކުފާނު ހުންނެވީ އެސްޓޯރިއާ އިތާފުށި ރިސޯޓުގައެވެ. ރާއްޖޭގަައި ދެދުސް ހޭދަކުރެއްވުމަށް ފަހު ސައުދީ އެއާލައިނުން ސިންގަޕޫރަށް ފުރާވަޑާއިގަތުމަށް ފަހު ގޮތަބަޔާ އިސްތިއުފާ ދެއްވާފައި ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔާފާ އަބޭވަރްދެނާ އަށް ފޮނުއްވި ސިޓީފުޅަކުންނެވެ.

ގޮތަބަޔާ ގައުމު ދޫކުރައްވައި އިސްތިއުފާ ދެއްވާފައި ވަނީ, މަސްތަކެއް ވާންދެން ލަންކާގެ ރައްޔިތުން އެގައުމުގެ ޑިމޮކްރަސީ އިސްލާހުކޮށް ވެއްޓެމުން ދިޔަ އެގައުމުގެ އިގްތިސާދަށް ހައްލެއް ހޯދާއިދިނުމަށް ގޮވާ، ކުރަމުން ދިޔަ މުޒާހަރާތައް ހޫނުވެ, ގައުމުގެ އަމާންކަން ގެއްލި, އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ހިސާބަށް ކަންތައްތަށް ދިޔުމުނެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގައި މުޒާހަރާ ކުރި ފަރާތްތަކުން ބުނާގޮތުގައި ރާޖަޕަކްސަ އާއިލާއިން ވަނީ ކޮރަޕްޝަނުގެ އަމަލުތައް ހިންގާއި, ވަރަށް ދޯދިޔާކޮށް ކަންކަން ބަލަހައްޓާފައެވެ. ނަތީޖާއެއްގެ ގޮތުން އެގައުމުގެ އިގްތިސާދު ވަރަށް ބޮޑުތަނުން ދަށަށްގޮސް, ކާބޯތަކެއްޗާއި, ތެޔޮފަދަ ޒަރޫރީ ތަކެތި ލިބުމުގައި ވަރަށް ބޮޑު ދަތި ކަމާ ކުރިމަތިވިއެވެ. އެގައުމުން ދަނީ ''ބެއިލްއައުޓް '' ޕްރޮގްރާމެއް ހިންގުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު މަޝްވާރާ ވެސް ކުރަމުންނެވެ.

ގައުމުގެ އިގްތިސާދު ހާލާކު ކުރެއްވުމުން ފާޑުކިޔުން އަމާޒުވުމުގެ އިތުރަށް, ގޮތަބަޔާގެ މައްޗަށް 2009 ވަނަ އަހަރު ނިމުނު ލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިރު ހަނގުރާމައިގެ ޖަރީމާތައް ހިންގަވާފައި ވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވެސް ތުހުމަތު ކުރެއެވެ.