ސްރީލަންކާގެ އިގްތިސޯދީ ހާލަތު އިންތިހާހަށް ދަށަށް ގޮސް، ރައްޔިތުންގެ އަތްމަތި ދަތިވެ ކެތްތެރިކަން ކޮޅުން ލުމާއެކު ނިކުމެ ވެރިކަމުން ދުރުކުރުމުން ގައުމު ދޫކުރައްވާ ވަޑައިގެންނެވި ގޮތަބަޔާ ރާޖަޕަކްސަ ތައިލޭންޑަށް ވަޑައިގެންފިއެވެ.

ގޮތަބަޔާ ތައިލޭންޑަށް ވަޑައިގެންނެވި މަންޒަރުތައް ކެމެރާތަކުން ނަގާ، ފޮޓޯތައް މިހާރު ވަނީ އާންމު ކޮށްފައެވެ.

ލަންކާގެ ރައްޔިތުން މަގުތަކަށް ނިކުމެ ކުރި ދިގުލީ މުޒާހަރާތަކުގައި ގޮތަަބަޔާގެ ގަނޑުވަރަށް ވަދެ އެތަން ހިފާ، އެކި ވަރުގެ ހަމަނުޖެހުން ހިނގާ ދިޔަ ހާދިސާއަށް ފަހު، ފިއްލަވައިގެން ގޮތަބަޔާ ފުރަތަމަ ވަޑައިގަތީ ރާއްޖެ އަށެވެ. އޭނާ ރާއްޖެއަށް ވަޑައިގަތީ ޖުލައި 13، 2022 ގައެވެ. ނަމަވެސް ދިވެހި ސަރުކާރުން ވެސް އެކަން ސިއްރު ކޮށްގެން، ނޫސްވެރިންނަށްވެސް މައުލޫމާތު ނުދީ ހިފަހައްޓައިގެން އުޅެނިކޮށް ގޮތަބަޔާ ގެނައީ ރާއްޖޭގެ ހާރިޖީ ވުޒާރާއިން ޑިޕްލޮމެޓިކް ކްލިއަރެންސް ދީގެން ކަމާއި ގޮތަބަޔާ ބަހައްޓާައި ހުރީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ރަހުމަތްތެރިޔާ، އަދި ވިޔަފާރި ވެރިޔާ މުހައްމަދު އަލީ ޖަނާހުގެ މަސްލަހަތު އޮންނަ، އިތާފުށި ރިސޯޓުގައި ކަން ނޫސްވެރިން ވަނީ ހޯދާފައެވެ.

ގޮތަބަޔާ އެއް ދުވަހު ރާއްޖޭގައި ހުންނެވުމަށް ފަހު، ފުރާވަޑައިތީ ޖުލައި 14، 2022 ގައި ސިންގަޕޫރަށެވެ. ސިންގަޕޫރަށް އޭނާ ވަޑައިގެންނެވި ނަމަވެސް އަގައުމް ހިމާޔަތް ދޭން ދެކޮޅުހަދާފައި ވުމުން، ދުވަސްކޮޅަކު ހުންނެވުމަށް މިއަދު ވަނީ ތައިލޭންޑަށް ވަޑައިގެންފައެވެ.

ގޮތަބަޔާ ތައިލޭންޑުގެ އެއާޕޯޓުން ކާރަށް އަރާވަޑައިގަންނަވަނީ / ފޮޓޯ: ރޮއިޓާސް

ތައިލޭންޑްގެ ބޮޑުވަޒީރު ޕްރަޔުތް ޗާން އޯ ޗާ އާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ގޮތަބަޔާ ތައިލޭންޑަށް ވަޑައިގަތީ އެގައުމުގައި ހުންނަވައިގެން އެހެން ގައުމެއްގެ ހިމާޔަތް ހޯއްދަވާށެވެ. އަދި ހިމާޔަތް ލިބިވަޑައިގަންނަވަންދެން ވަގުތީ ގޮތުން ތައިލޭންޑްގައި ހުންނެވުމުގެ ހުއްދަ، އެގައުމުގެ ބޮޑުވަޒީރު ދެއްވާފައި ވާކަމަށް ވެސް ބުނެއެވެ. ނަމަވެސް ގޮތަބަޔާ ހިމާޔަތަށް އެފިވަޑައިގަންނަވާ ގައުމެއް އަދި ސާފެއް ނުވެއެވެ.

ގޮތަބަޔާ މިއަދު ތައިލޭންޑަށް ވަޑައިގެންނެވި އިރު، އޭނާ އެގައުމަށް ވަޑައިގަތުމެ ހުއްދައަށް އެދެނީ ލަންކާގެ މިހާރުގެ ސަރުކާރުންނެވެ. ލަންކާގެ މިހާރުގެ ސަރުކާރަކީ، ގޮތަބަޔާގެ ތާއީދު އޮތް، އަދި ސަރުކާރުގެ ތާއީދު ގޮތަބަޔާއަށްވެސް އޮތް ސަރުކާރެވެ. މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގްހަ އެ މަގާމަށް ގެނައުމަށް ނަން ހުށަހެޅުއްވީވެސް ގޮތަބަޔާއެވެ. އަދި ލަންކާގައި އުފެދުނު ހަމަނުޖެހުމުގައި ގޮތަބަޔާގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ހުންނެވި މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން، ވަގުތީ ބޮޑުވަޒީރަކަށްވެސް އޭރު އައްޔަން ކުރީ ރަނިލްއެވެ. އަދި މިހާރުވެސްް އޮތް ޔައްޔިތުންގެ މަޖިލީހުގައި އޮތީވެސް ގޮތަބަޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އަޣުލަބިއްޔަތެވެ.

ގޮތަބަޔާ ވެރިކަން ދޫކުރައްވާ ރާއްޖެ މަގުން ފިއްލެވި އިރު، އެ ދަތުރަށް އެހީތެރިވެވަޑައިގަތުމަށް އެންމެ އިސް ދައުރެއް އަދާ ކުރެއްވި އެއް ބޭފުޅަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ގޮތަބަޔާ ވަޑައިގެންނެވި އިރު މަރުހަބާ ވިދާޅުވާށާއި، ފުރާވަޑައިގެންނެވި އިރު އަލްވަދާއު ވިދާޅުވާންވެސް ނަޝީދު އެއާޕޯޓަށް ވަޑައިގަތެވެ.