ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

އޭނާ ސްރީލަންކާއަށް އެނބުރި ވަޑައިގެންފައި ވަނީ އިގްތިސޯދީ ގޮތުން އެ ގައުމަށް ދިމާވި ދަތިތަކުގެ ސަބަބުން ރައްޔިތުން ނިކުމެ މުޒާހަރާ ކުރުމުން، މިދިޔަ ޖުލައި މަހު އޭނާ ގައުމުން ފިއްލަވައިގެން ވަޑައިތުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވާ ހުންނެވުމަށް ފަހު އަނެއްކާވެސް އެ ގައުމުގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ ހަބަރުތައް ފެތުރެން ފަށާފައި ވަނިކޮށެވެ. ލަންކާގެ ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކުން ސަލާމަތްވެ ވަޑަައިގަތުމަށް، ލަންކާ ދޫކުރައްވާ ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ގޮތަބަޔާ އަނބުރާ ގައުމަށް ވަޑައިގަތުމާ ހަމައަށް ހުންނެވީ ތައިލެންޑްގައެވެ.

ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ އެމަނިކުފާނުގެ ދަތުރުފުޅުގެ ޕްލޭންތަކާ ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އޭނާ ގައުމަށް އެނބުރި ވަޑައިގެން ކަން ވަނީ ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައެވެ.

މިދިޔަ މަހު އެ ގައުމުން ފިއްލަވެވުމަށް ފަހު, އެމަނިކުފާނު އެންމެ ފުރަތަމަ, ލަންކާގެ އަސްކަރީ މަތިންދާ ބޯޓެއްގައި ވަޑައިގެންފައި ވަނީ ރާއްޖެއަށެވެ. ރާއްޖޭގައި ހުންނެވި 2 ދުވަހު އެމަނިކުފާނު ހުންނެވީ އެސްޓޯރިއާ އިތާފުށި ރިސޯޓުގައެވެ. ރާއްޖޭގަައި ދެދުސް ހޭދަކުރެއްވުމަށް ފަހު ސައުދީ އެއާލައިނުން ސިންގަޕޫރަށް ފުރާވަޑާއިގަތުމަށް ފަހު ގޮތަބަޔާ އިސްތިއުފާ ދެއްވާފައި ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔާފާ އަބޭވަރްދެނާ އަށް ފޮނުއްވި ސިޓީފުޅަކުންނެވެ.

ގޮތަބަޔާ ގައުމު ދޫކުރައްވައި އިސްތިއުފާ ދެއްވާފައި ވަނީ, މަސްތަކެއް ވާންދެން ލަންކާގެ ރައްޔިތުން އެގައުމުގެ ޑިމޮކްރަސީ އިސްލާހުކޮށް ވެއްޓެމުން ދިޔަ އެގައުމުގެ އިގްތިސާދަށް ހައްލެއް ހޯދާއިދިނުމަށް ގޮވާ، ކުރަމުން ދިޔަ މުޒާހަރާތައް ހޫނުވެ, ގައުމުގެ އަމާންކަން ގެއްލި, އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ހިސާބަށް ކަންތައްތަށް ދިޔުމުނެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގައި މުޒާހަރާ ކުރި ފަރާތްތަކުން ބުނާގޮތުގައި ރާޖަޕަކްސަ އާއިލާއިން ވަނީ ކޮރަޕްޝަނުގެ އަމަލުތައް ހިންގާއި, ވަރަށް ދޯދިޔާކޮށް ކަންކަން ބަލަހައްޓާފައެވެ. ނަތީޖާއެއްގެ ގޮތުން އެގައުމުގެ އިގްތިސާދު ވަރަށް ބޮޑުތަނުން ދަށަށްގޮސް, ކާބޯތަކެއްޗާއި, ތެޔޮފަދަ ޒަރޫރީ ތަކެތި ލިބުމުގައި ވަރަށް ބޮޑު ދަތި ކަމާ ކުރިމަތިވިއެވެ. އެގައުމުން ދަނީ ''ބެއިލްއައުޓް'' ޕްރޮގްރާމެއް ހިންގުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު މަޝްވާރާ ވެސް ކުރަމުންނެވެ.

ގައުމުގެ އިގްތިސާދު ހަލާކު ކުރެއްވުމުން ފާޑުކިޔުން އަމާޒުވުމުގެ އިތުރަށް, ގޮތަބަޔާގެ މައްޗަށް 2009 ވަނަ އަހަރު ނިމުނު ލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިރު ހަނގުރާމައިގެ ޖަރީމާތައް ހިންގަވާފައި ވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވެސް ތުހުމަތު ކުރެއެވެ.