ރައްޔިތުން މަޖިލީހުގައި ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެންމެ ނަޒާހާތްތެރި އެއް ބޭފުޅަކީ އިންތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ "ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހްގެ ފަރާތްޕުޅުން އޭނާއަށް ލިބިވަޑައިގެންފައިވާ އެއްބާރުލުމާއި ތައުރީފުގެ ވާހަކަތައް ހިއްސާ ކުރައްވަމުން އިންތި ވިދާޅުވީ، މިއަދާ ހަމައަށް އެ ޕާޓީއަށްޓަކައި އޭނާ ވެވަޑައިގެންފައިވާ ގުރުބާނީތަކުގެ ވާހަކާ އެ ބޭފުޅުން ދައްކަވާ ކަމަށެވެ. މަގުމަތީގައި މުޒާހަރާއެއް ކުރަން ޖެހުނަސް، ހަރުގެތެރޭގައި ސްޕީޗެއް ދޭނެ މީހަކު ނެތި އެކަން ކުރައްވަން ޖެހިވަޑައިގަތަސް، އަދި މަޖިލީހުގައި ވޯޓެއްލާން ޖެހޭ ފަދަ ހާލަތްތަކުގައި ވެސް ސާބިތުކަމާއެކު ހުންނަވާ އެއްބޭފުޅަކީ އިންތި ކަމުގައި އެ ބޭފުޅުން ފާހަގަ ކުރައްވާ ކަމަށް އިންތި ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު
"ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ކަަމަށް ވަރަށް ގިނަ ފަރާތްތަކުން ދައްކާ. ހަމަ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވެސް އަޅުގަނޑާއެކު މަސައްކަތް ކުރެވުނު. ވަރަށް ގާތުން އަދި ވަރަށް ހެޔޮ ބަސްފުޅުތައް އަޅުގަނޑާ މެދު އެބޭބޭފުޅުންގެ ތަޖުރިބާގެ އަލީގައި ވިދާޅުވެފައިވޭ. ރައީސް ސޯލިހް އެންމެ ފަހުންވެސް ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގައި ނަޒާހާތްތެރި އެންމެ މީހަކު އިންނަ ކަމަށް ވަނީ ނަމަ އެ ލިސްޓުގެ އެންމެ ކުރީގައި އޮންނަންޖެހޭނެ ނަމަކީ އަޅުގަނޑުގެ ނަމޭ."
އިމްތިޔާޒް ފަހުމީ

ރައީސް ސޯލިހް ވިދާޅުވި ބަސްފުޅެއް ހިއްސާ ކުރައްވަމުން އިންތި ވިދާޅުވީ، ރައްޔިތުން މަޖިލީހުގައި ނަޒާހާތްތެރި އެންމެ މީހަކު އިންނަވާ ނަމަ، އެ ލިސްޓުގެ އެންމެ ކުރީގައި އޮންނަން ޖެހޭނެ ނަމަކީ އޭނާގެ ނަން ކަމުގައި ރައީސް ސޯލިހް ވިދާޅުވި ކަމަށެވެ.

އެ ދެބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކާ އެކުގައި ވެސް މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ މިއަދު އިންތި އުފާ ކުރައްވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮންމެ ބޭފުޅެއްގެ ފަރާތްޕުޅުން ވެސް ވަރަށް ގިނަ ކަންކަން ދަސްވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ތެރެއިން ވަކި ބޭފުޅެއް ހިޔާރު ކުރެއްވުމަށް އިންތި އުޒުރުވެރިވެވަޑައިގަތެވެ.

އިމްތިޔާޒް ފަހުމީ، ދަ ޕްރެސް އަށް އިންޓަވިއު ދެއްވަނީ / ފޮޓޯ: އަހުމަދު އިޔާދު - ދަ ޕްރެސް

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު ދެން އެންމެ އަވަހަށް އަންނާނެ އިންތިހާބަކީ އަންނަ ރިޔާސީ އިންތިހާބު ކަމަށް ވާއިރު، އެ އިންތިހާބުގައި އިންތި ހުންނަވާނީ ޕްރައިމަރީއާ އެއްކޮޅަށް ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ކުރިމަތިލައްވާ ނަމަ އެ ކެންޑިޑޭޓެއް ކަނޑައަޅާނީ އެމްޑީޕީގެ ޕްރައިމަރީން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕްރައިމަރީން ހޮވޭ ކޮންމެ ކެންޑިޑޭޓަކާ އެކުގައި އޭނާ ހުންނަވާނެ ކަމަށް ވިދާޅުވިއެވެ. އެއީ ރައީސް ސޯލިހް ކަމުގައި ވިޔަސް ރައީސް ނަޝީދު ކަމުގައި ވިޔަސް ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކާ އެކުގައި އިންތި ހުންނަވާނެ ކަމަށާއި، ޗެއާޕާސަން ކަން ލިބިވަޑައިގަތަސް އެއީ އިންތިގެ ނިންމެވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތި ކުރިމަތިލައްވައިގެން އުޅުއްވާ އިރު އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓަކީ ޗެއާޕާސަންގެ މަގާމަށް އެންމެ އެކަށީގެންވާ ފަރާތް ނޫން ކަމަށް އިންތި ފާހަގަ ކުރެއްވިއެވެ. މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ހިންގާ މަސައްކަތްތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަކީ އެ ޕާޓީގެ އިގްތިސޯދީ ކޮމެޓީގެ މުގައްރިރު ކަމަށާއި ވެރިކަން ލިބުނު ފަހުން އެ ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ.

އިމްތިޔާޒް ފަހުމީ، ދަ ޕްރެސް އަށް އިންޓަވިއު ދެއްވަނީ / ފޮޓޯ: އަހުމަދު އިޔާދު - ދަ ޕްރެސް

އިކޮމޮނިކް މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން މިހާރު އިގްތިސޯދީ ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނަވާ އިރު، އެ ކޮމިޓީ ނުހިންގެވޭ ބޭފުޅަކަށް އެމްޑީޕީގެ ޗެއާޕާސަން ކަން ލިބިވަޑައިގަތުމުން އެ މަގާމު އަދާ ކުރެއްވޭނެ ކަމާ މެދު އިންތި ސުވާލު އުފެއްދެވިއެވެ. ހަމައެއާއެކު އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ވެސް ބައިވަރު ކަންކަން ނުކުރެވި ހުރި ކަން ފަހާގަ ކުރައްވާ ވާދަވެރި ކެންޑިޑޭޓަށް އިންތި ފާޑުވިދާޅުވިއެވެ. ފައްޔާޒް ހިމެނޭ ކޮމެޓީ ނުހިނގުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން އިންތި ވިދާޅުވީ، އިންތިއަށް ޗެއާޕާސަން ކަން ލިބިވަޑައިގެންފި ނަމަ އެމްޑީޕީގެ ހުރިހާ ކޮމިޓީތައް ހިންގުމަށް ބާރު އަޅުއްވާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި އޮތް ދެބައިވުމާ ގުޅޭ ގޮތުން އިންތި ވިދާޅުވީ، އެ ޕާޓީއަކީ ގިނަ މެންބަރުންތަކެއް ހިމެނިގެން ހިންގާ ޕާޓީއެއް ކަމަށްވާތީ ދެބަސްވާ ފަހަރުތައް އަންނާނެ ކަމަށާއި ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އިންތިހާބުތަކުގައި ވާދަ ކުރަން ނުކުންނަ އިރު މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ނިކުންނަ ކަން ފާހަގަ ކުރައްވަމުން އިންތި ވިދާޅުވީ، މިހާރު އޮތް ދެބަސްވުންތަކާ އެކުގައި ވެސް އެ ޕާޓީ އެކަތިގަނޑަކަށް ހެދޭނެ ބޭފުޅަކީ އޭނާ ކަމަށެވެ.