2028 ވަނަ އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމާ މެދު ދެ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިއްޖެއެވެ.

އިއްޔެ ހަވީރު 'އެކްސް'ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވިގޮތުގައި މި ވަގުތު އެމްޑީޕީއަށާއި ޑިމޮކްރެޓްސް ގުޅުމަކީ ދެ ޕާޓީއަށާއި ގައުމަށް ވެސް އެންމެ ރަނގަޅު ގޮތް ކަމުގައެވެ. މިހާރު ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދުގެ އެ ހިޔާލަށް އެ ޕާޓީގެ ރައީސް އިމްތިޔާޒް ފަހުމީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ތާއީދުކުރެއްވިއެވެ.

ނަމަވެސް މި ނިންމުމާ މެދު ދެ ޕާޓީގެ އާންމު ބައެއް މެންބަރުންގެ ހިޔާލު ތަފާތެވެ.

އެގޮތުން ނަޝީދުގެ ޕޯސްޓް ރީޕޯސްޓްކުރައްވައި އިމްތިޔާޒް 'އެކްސް'ގައި ލިޔުއްވި ޕޯސްޓަށް ޑިމޮކްރެޓްސްގެ އާންމު އެއް މެންބަރު އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އީސާ އަބްދުﷲ ކުރި ކޮމެންޓެއްގައި ބުނީ، އެމްޑީޕީން ހިންގި ކޮރަޕްޝަނާއި އެ ޕާޓީގެ 'ހިޔަޅު' ވިސްނުން ދޫކޮށް ރަނގަޅު ފިކުރަށް ރުޖޫއަވުމަކީ އެ ޕާޓީ އާ އެކީ މަސައްކަތްކުރެވޭނެ ހަމަ އެކަނި ގޮތް ކަމަށެވެ.

'މިއުސަމް އައްބާސް'ގެ ނަމުގައި ނަޝީދުގެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ބުނިގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުވަތަ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެއްޖެ ނަމަ އެ ބޭފުޅުންގެ ފަހަތުގައި ކެމްޕެއިނެއް ނުކުރެވޭނެއެވެ.

އެމްޑީޕީއަށް ތާއީދުކޮށް 'އިބްރާހީމް ކަބުރޭ'ގެ ނަމުގައި ނަޝީދުގެ ޕޯސްޓްގައި ކޮމެންޓްކުރި މީހަކު ގޮވާލީ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީގެ އެންމެހާ މެންބަރުން އެމްޑީޕީ އާ އަލުން ގުޅުމަށެވެ. އޭނާ ލިޔެފައިވާ ގޮތުގައި އެމްޑީޕީ އާއި އެ ޕާޓީގެ ގްރާސްރޫޓުން ޑިމޮކްރެޓްސް އަށް ދިޔަ އެމްޑީޕީގެ މެންބަރުން އަދިވެސް ބަލައިގަނެއެވެ. އަދި ފައްޔާޒާއި މާލޭގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ގައުމު ކުރިޔަށް ގެންދެވޭނެ ކަމަށް ގިނަ މެންބަރުން ގަބޫލުނުކުރާ ކަމަށް ވެސް ެ ޕޯސްޓުގައި ވެއެވެ.

ނަޝީދުގެ ޕޯސްޓުގައި ކޮމެންޓުކުރި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ނަޝީދު އެމްޑީޕީ އާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެދިފައެވެ. އެ މެންބަރުން ބުނީ، ގައުމަށް ހެޔޮ ބަދަލެއް ގެނެވޭނީ ނަޝީދު އަލުން އެމްޑީޕީ އާ ގުޅިވަޑައިގަތުމުންނެވެ.

ނަމަވެސް ހަމަ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީން ބޭއްވި ޕްރައިމަރީއަށް ފަހު އައި ހިޔާލު ތަފާތުވުންތަކާ ހެދި އެ ޕާޓީން ބައެއް މެންބަރުން ވަކިވެ ޑިމޮކްރެޓްސް އުފައްދައި އެ ޕާޓީ އާ ގުޅި ކުރި މަސައްކަތުގެ ސަބަބުން ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނުކަން ފާހަގަކޮށްފައެވެ.

'މަރިޔަމް'ގެ ނަމުގައި މީހަކު 'އެކްސް'ގައި ކުރި ޕޯސްޓެއްގައިވާ ގޮރުން ނަޝީދު ވަނީ އެމްޑީޕީގެ ބައެއް ސަޕޯޓަރުންގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފައެވެ.

އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މެންބަރުން އެމްޑީޕީން ވަކިވެ، 'ދަ ޑިމޮކްރެޓްސް' އުފެއްދީ ޖުލައި 11، 2023 ގައެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން އެ ޕާޓީގެ އިސް ބައެއް މެންބަރުން އިސްތިއުފާ ދެއްވައި އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންފައިވެއެވެ.