ގާނޫނު އަސާސީ ހެދުމާއި ގާނޫނު އިސްލާހު ކުރުމުގެ ބާރު އޮންނާނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް މިހެން ވިދާޅުވެފައި މި ވަނީ، ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ކޯޓުގައި ދައުލަތުން ބުނެފައި ވަނިކޮށެވެ.
މިއަދު އިމްތިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމެރިކާގައި ބަނގުރާ މަނާކޮށް ފަހުން ބަނގުރާ ބޭން އުވާލި ގޮތް މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ. އެގޮތުން އެމެރިކާގެ ގާނޫނު އަސާސީއަށް ގެނައި 18 ވަނަ އިސްލާހުގައި ބަނގުރާ މަނާކޮށްފައިވާ އިރު، އެއީ ބައެއް ރައްޔިތުންގެ މިނިވަންކަމަށް ހުރަސް އެޅުނު ކަމެއް ކަމަށް ބެލެވުނު ކަމަށް އިމްތިޔާޒް ފާހަގަ ކުރެއްވިއެވެ. އެެހެންކަމުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ 21 ވަނަ އިސްލާހެއް ހުށަހަޅައި އެ އިސްލާހު ފާސްކޮށްފައެވެ. އެއާއެކު ބަނގުރާ ބޭން ކުރުން ވަނީ އުވާލާފައި ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
މި މިސާލަށް ބާރު ދެއްވަމުން އިމްތިޔާޒް ވިދާޅުވީ، ގާނޫނުއަސާސީ ހެދުމާއި އެ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިންއެވެ. އަދި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ތައާރަޒުވާނެ ކަމަށްވެސް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.
ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ކުރިން ފާސްކުރި ނަމަވެސް ފަހުން ވަނީ އެ ގާނޫނު އުވާލާފައެވެ.