އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ހަދާފައިވާ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، މުންނާރު ކައިރީގައި މަސްފެންގަނޑެއް ހެދުމަށް އިސްލާމިކް މިނިސްޓްރީއިން އިއުލާނުކުރިއެވެ.

އެހެންނަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ އިއުލާން ބާތިލް ކުުރުމަށް އަންގަވާފައެވެ. ޝަހީމް ވިދާޅުވީ އިއުލާން ބާތިލްކުރުމަށް އެންގެވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން، މިވަގުތު މިފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކޮށްދޭން ސްޓެލްކޯއިން ވަނީ މި މަހުގެ 7 ވަނަ ދުވަހު ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކުރައްވާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެފައި ވަނީ ސަގާފީ އަދި ދީނީ ތަރިކައެއް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް މަސައްކަތް ކޮށްދިނުމަކީ ފަހުރެއް ކަމަށެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މަސްފެންގަނޑު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށާފައިވާ ކަމަށެވެ. އަދި ސްޓެލްކޯގެ އަމާޒަކީ، ތާރީހީ އަދި ސަގާފީ މުހިންމު ތަންތަން ހިމާޔަތްކޮށް، ކުރިއެކޭ އެއްގޮތަށް އެތަނަށް ދިރުން ގެނައުން ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.