ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ރައީސުލްޖުމްހޫރިއަޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަތީމައި ދެއްވަން ޖެހޭ އެއްޗެއް ނޫން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ސީޔާސީ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަން ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން މިއަދު ކުރި މުޒާހަރާއިން 6 މީހަކު ހައްޔަރު ކުރުމުންނެވެ.

އެކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ހިޔާލް ފާޅުކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން މިހާރު ޕޮލިހުންގެ އަމަލުތަކަކީ ޢައިރު ގާނޫނީ އަމަލުތަކެއް ކަމަށާއި ހައްޔަރު ކޮށްފައިވާ ޕީޕީއެމްގެ ސަޕޯޓަރުން މިހާރުން މިހާރަށް ދޫކޮށްލުމަށް ޝިޔާމް ގޮވާލެއްވިއެވެ.

"ޑިމާންޑް މި ކުރަނީ ބޭއްވި ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުމަށް. މި ވެރިކަން އައިފަހުން، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް، މިރާއްޖޭގައި މިހާރު ނެތް."
ޕީޕީއެމް

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާތަކުގެ ތެރެއިން މިއަދު ބަޔަކު ހައްޔަރު ކޮށްފަިއވާ އިރު، ސިލްސިލާކޮށް ކުރިއަށް ގެންދާ މި މުޒާހަރާގައި ޕީޕީއެމުން އިންޑިއާ ސިފައިން، މިހާރުން މިހާރަށް މި ގައުމުން ބޭރު ކުރުމަށް ދަނީ ގޮވަމުންނެވެ. ހަމައެއާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް ގޮވާލައި، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ވެސް މި މުޒާހަރާތަކުގައި އަންނަނީ ގޮވާލަމުންނެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައި ވާއިރު، މި ހަރަކާތް ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.