ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، 4،000 ފްލެޓުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ރައީސް މިއަދު ވަޑައިގަތް މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވި ކަމަށެވެ. އަދި އެ ކަމާގުޅޭ މައުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލު ކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފްލެޓް ލިސްޓު އާންމު ކުރި ނަމަވެސް ގިނަބަޔަކު ވަނީ އެ ލިސްޓާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެއާއެކު ލިސްޓު ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހުންނަށެވެ. އަދި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓެއް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރި ނަމަވެސް ދާދިފަހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ. އެކަމަކު ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށައި، ސެޕްޓެމްބަރު މަހަށް އެ މަސައްކަތް ވެސް ނިންމޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.