މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ 7 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު މެޑަމް ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފިއެވެ.

ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މި ސަމިޓު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 18 އިން 19 އަށެވެ.

މި ސަމިޓުގެ އިފްތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެޑަމް ސާޖިދާ ވަނީ ވާހަަކަފުޅު ދައްކަވާފައެވެ.

މިއަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ގައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި އަންހެންކުދީންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި އަންހެނުން ބާރުވެރިކުރުމާއި ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް މި ސަމިޓުގައި މަޝްވަރާކޮށްފައިވެއެވެ.