ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާ ދަންނަވަން ބާއްވާ ހަފުލާ ބާއްވާނެ ހުއްދަ ނުދޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޅުކުރެއްވި ކަންބޮޑުވުންތައް ސަރުކާރުން ރައްދު ދީފިއެވެ.

މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ނަޝީދު އެމްޑީޕީއާ ގުޅޭ ހަފްލާއާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

އެހެންވެ އެ ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ ރައީސް ނަޝީދުއަށް މަރުހަބާ ދެންނެވުމަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެ ހަފްލާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވެފައި ވެއެވެ.

"ވީމާ މި ޖަލްސާތަކާއި ހަފްލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސަވައި ނުދެއްވާނަމަ، އެމްޑީޕީ އަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މުލިއާގޭ ކަންމައްޗަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަން" ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވެއެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތައް ކިޔާ ދެއްވާފައެވެ. އެގޮތުން ހުއްދަ ނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަޙައްދުކަން ފާހަގަކޮށް ހީނާ ވިދާޅުވީ، މި ސަރުކާރުން އެކަން ބަދަލުކޮށްފައިވާ ކަމަށެވެ.

"ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނު ހުއްދަ ހޯދުމަކާ ނުލާ އެއްވެވޭނެ"
ހީނާ

މީގެ އިތުރުން، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރިހަމަ ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ހީނާ ވިދާޅުވެފައި ވެއެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމެއް ރޭ ބާއްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ވަނީ ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔާފަ އެވެ.