މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްކި ރަސްމާލޭގެ 10 ހެކްޓަރަށްވާ 1.6 މިލިއަން ޑޮލަރު ދެއްކުމަށް އެ މަސައްކަތާ ހަވާލުވި ލަންކާގެ ކުންފުންޏަށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި އަށް މަސް ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ފުރަތަމަ އެ މަޝްރޫއު ފަށާފައި ވަނީ ދައުލަތުން ހަރަދެއް ކުރަން ނުޖެހޭގޮތަށެވެ. އޭގެ ބަދަލުގައި ސީއެމްސީއަށް އެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭންޖެހޭ ގޮތަށް އެއްބަސްވެގެންނެވެ.
އެކަމަކު ފަހުން އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެއެވެ. އެކަމަކު 8 މަހުން އެ ކުންފުންޏަށް ހިއްކުނީ 29 ހެކްޓަރެވެ. އޭގެ ތެރެއިން 10 ހެކްޓަރު އެމްޓީސީސީން ހިއްކިއިރު އެމްޓީސީސީ އާއި ސީއެމްސީއާ ދެމެދު އެކުލަވާލި އެއްބަސްވުމާ އެއްގޮތަށް ސީއެމްސީން އެއްވެސް ފައިސާއެއް ނުދައްކައެވެ.
އެއާއެކު އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ސީއެމްސީސީން ކ. ފުށިދިއްގަރު ފަޅުން 10 ހެކްޓަރު ބިން ހިއްކުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށް މަސައްކަތް ނިންމި ނަމަވެސް، މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ދައްކައިފިނުވާ ކަމަށެވެ. އަދި ދެ ފަރާތުގެ މެދުގައި ވެފައިވާ ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މަސައްކަތުގެ ޖުމްލަ އަގަށްވާ 1.68 މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދައްކައި ހަލާސްކުރުމަށް، އަމުރުކޮށްދިނުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
އެ ދައުވާއަށް ސީއެމްސީސީން އިއުތިރާފުވުމުން ސިވިލް ކޯޓުން ވަނީ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކަން ހުކުމް ކޮށްފައެވެ. އެގޮތުން އެ ހުކުމުގައި ވަނީ އެ އެއްބަސްވުމުގެ އަގު ކަމަށްވާ 1،683،901.44 އެމެރިކާ ޑޮލަރު މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކުންފުނިން ދައްކަން ޖެހޭނެ ކަމަށެވެ. ދިވެހި ފައިސާއިން ބަލާނަމަ އެއީ 25.9 މިލިއަން ރުފިޔާއެވެ.
ރަސްމާލެ މަސައްކަތް މިހާރު ކުރަމުންދަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިންނެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައި ވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ.