އއ. ތޮއްޑޫގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި މި އެކްސިޑެންޓުގެ ވީޑިއޯތައް ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ތުއްތު ކުއްޖެއްގެ ގައިގައި ވަރަށް ބާރަށް ޖެހޭ މަންޒަރު ފެނެއެވެ.
އެއާއެކު އެ ކުއްޖާ ވިއްސައިގެން ގޮސް ވެއްޓިފައިވާއިރު، އެ ވަގުތު ކައިރީގައި ތިބި ބަޔަކު ކުއްޖާ ނަގާތަން ވެސް ފެނެއެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" ނޫހަށް ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މިކަމުގެ މައުލޫމާތެއް ކައުންސިލަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލުގައި ޖެހި އެކްސިޑެންޓު ވުމާއެކު ކުއްޖާ ވަނީ ހޭނެތިފައެވެ. އަދި މިހާރު ކުއްޖާ ވަނީ އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް އެކްސިޑެންޓުތައް ހިނގާ މިންވަރު މާލޭގެ އިތުރުން ރަށްރަށުގައިވެސް އިތުރުވެފައިވާއިރު، ފުލުހުންގެ ތަފާސްހިސާބުން ހާމަވާގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމުލަ 1387 ޓްރެފިކް އެކްސިޑެންޓު ވަނީ ހިނގާފައެވެ. އަދި ފުލުހުން މީގެ ކުރިން ވަނީ ގިނަ އެކްސިޑެންޓު ހިނގަން މެދުވެރި ވާ މައިގަނޑު ސަބަބަކީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ނުވުން ކަމުގައި ބުނެފައެވެ.