ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން، "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު" އާންމުކޮށްފައިވާކަމަށާއި، މި ދަފްތަރުގައި ހިމެނޭ ފަރާތްތަކަކީ ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުން ކަމަށެވެ. މި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާކަމަށާއި، މީގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި 18 ބިދޭސީން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިންޓަޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ކުށްކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމުކަމެއް ކަމަށާއި، މި މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ހިއްސާކުރުމުން އެހެން ގައުމުތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު ދުރާލާ އެޅުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
އެގޮތުން މިފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެގައުމުތަކަށް ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް، ބިދޭސީ މަސައްކަތު މީހުންނަކީ ވަޒީފާ ހޯދުމަށް އެކި ގައުމުތަކަށް ބަދަލުވާ މީހުން ކަމަށެވެ. އެހެންކަމުން މި މައުލޫމާތަކީ ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާތައް ދިނުން ހުއްޓުވައި، އެފަދަ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ.