ރާއްޖެއަށް ގޭސް އެތެރެ ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ އަދިވެސް އަނބުރާ ނުލިބޭކަން މި ނޫހަށް އެނގިއްޖެއެވެ.

އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވް ގޭހުން ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އެވެ.

ސޯޝަލް މީޑިއާގައި ވެސް ފެންމަތިވި މި މައްސަލަ ފުލުހުންނާއި އޭސީސީން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މި މުއާމަލާތް ހިންގިތާ 8 މަސް ދުވަސް ފާއުތުވި ނަމަވެސް މިހާތަނަށް އެ ފައިސާ ހޯދިފައިނުވާ ކަން މި ނޫހަށް ވަނީ އެނގިފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ކުންފުނީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްވެސް އެ ވާހަކަ ދައްކަވާފައިވާއިރު އޭނާ އޭރު ފާހަގަ ކުރި ގޮތުގައި އެ ފައިސާ ހޯދަން ކުރި މަސައްކަތައް އޭރުވެސް ކާމިޔާބެއް ލިބިފައި ނުވެއެވެ.

އަދި ހަމަ އެހެންމެ ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ފާހަގަ ކުރައްވާ ނާޒިމް އިތުރަށް ވިދާޅުވީ، ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާރު ގޭސް ގަތުމުގެ ހުރިހާ ބާރެއް ވަނީ އެސްޓޯއީގެ ދަށަށް ބަދަލުކޮށްފައެވެ.

މޯލްޑިވް ގޭހަކީ މީގެ ކުރިންވެސް ކޮރަޕްޝަންގެ އެކި މައްސަލަތައް ފެންމަތިވެފައިވާ ކުންފުންޏެކެވެ. އެގޮތުން މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 ރުފިޔާ ނަގާފައިވާ މައްސަލައެއް ބެލުމަށްފަހު މާނުގެ މައްޗަށް 7 ދައުވާއެއް ކޮށްދިނުމަށް އޭސީސީން ވެސް އެދިފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައް އޭރު އޭނާ ވަނީ ދޮގުކޮށްފައެވެ.