ފައިނަލްގައި ނޭޕާލް ބަލިކޮށް، އިންޑިއާއިން އަށްވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ގެންގޮސްފިއެވެ.

ރާއްޖޭގައި މިފަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް އިންޑިއާއިން ކާމިޔާބު ކުރީ މި މުބާރާތުގެ ފައިނަލުގައި އަލަށް ވާދަކުރި ނޭޕާލާއި ދެކޮޅަށް ކުޅެ 3-0 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމަށްވެސް ލަނޑު ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ދެވަނަ ހާފް ފެށިތާ ފުރަތަމަ ހަތަރު މިނެޓު ތެރޭ މެޗުގެ ފުރަތަމަ ލަނޑު ޖެހީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. މިއީ މި މުބާރާތުގައި ޗެތްރީ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

އޭގެ މިނެޓެއް ފަހުން އިންޑިއާގެ ސުރޭޝް ސިންހް ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު، ދެވަނަ ހާފްގެ އިތުރު ވަގުތުގައި އިންޑިއާއިން ޖެހި ފަހު ލަނޑު ކާމިޔާބު ކުރީ ސަހާލް ސަމަދެވެ.

އެއާއެކު، އިންޑިއާ ވަނީ އެއްވެސް މެޗަކުން ބަލިނުވެ މިފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އަލަށް ވާދަކުރި ނޭޕާލް ގްރޫޕް ސްޓޭޖްގައި ބަލިވީ ހަމައެކަނި އިންޑިއާގެ އަތުންނެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެކި ސަބަބުތަކާ ހުރެ ޕާކިސްތަނާއި ބޫޓާނަށް ބައިވެރި ނުވެވުމުން، އެހެން އަހަރުތަކާ ހިލާފަށް، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.