ސާފް 2023 މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ.

އިންޑިއާގައި ކުރިއަށް ދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ ފައިނަލްގައި ކުވައިތާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ފައިނަލް މެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ 90 މިނެޓް ކުޅެ އިތުރު ވަގުތުގެ 30 މިނެޓް ކުޅުނު އިރު ވެސް ނަތީޖާ 1-1 ގައި އޮތުމުންނެވެ.

މިމެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފްގައެވެ.

މިގޮތުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކުވައިތުންނެވެ. މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އައި ކުވައިތުން ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންޑިއާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އިންޑިއާއިން ކާމިޔާބުކުރީ މެޗުގެ 38 ވަނަ މިނެޓްގައެވެ.

މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މާރީތި ކުޅުމެއް ފެނިފައި ނުވާ އިރު މިމެޗު ވެގެންދިޔައީ އާދިޔާ ހިލާފަށް ފައުލުތައް ގިނަ މެޗަކަށެވެ.

ސެމީ ފައިނަލްގައި ލުބުނާނު ވެސް ޕެނަލްޓީ ޖަހައިގެން ބަލިކޮށް ފައިނަލަށް އައި އިންޑިއާއިން އެޓީމުން ޖެހި ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އިރު ހަތަރު ވަނަ ޕެނަލްޓީ ޖެހީ ބޭރަށެވެ. ޝޫޓްއައުޓްގެ ފުރަތަމަ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބު ކުރި އިރު ސަޑަން ޑެތްގައި އިންޑިއާގެ ޕަނަލްޓީއަށް ފަހު އެޓީމުގެ ކީޕަރު ވަނީ ކުވައިތުގެ 5 ވަނަ ޕެނަލްޓީ ސޭވްކޮށްފައެވެ.

މިއާއެކު ޕެނަލްޓީ ޝޫޓް އައުޓް 5-4 އިން ކާމިޔާބުކޮށްގެން އިންޑިއާ ސާފް މުބާރާތުގެ ޗެމްޕިއަންކަން އަނެއްކާވެސް މިވަނީ ހޯދާފައެވެ. 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތް ވެސް ކާމިޔާބުކުރީ އިންޑިއާއެވެ.

މިއީ އިންޑިއާއިން މިމުބާރާތް ކާމިޔާބުކުރި 9 ވަނަ ފަހަރެވެ.