މީގެ 26 އަހަރު ކުރިން ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ކުޅެން ފެށި ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެ މުބާރާތުގެ ސެމީއަށް ނުގޮސް ކަޓައިފިއެވެ.
މިއަހަރުގެ މުބާރާތް އިންޑިއާގައި ކުރިއަށްދާ އިރު ރާއްޖެ އޮތް ގްރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ދިވެހި ޓީމު ވަނީ ބަލިވެފައެވެ. ދިވެހި ޓީމު ބަލިވީ މުބާރާތުގައި ކުޅުނު ފަހު ދެމެޗުންނެވެ. ފުރަތަމަ މެޗުން ބޫޓާން އަތުން 2-0 އިން މޮޅުވި އިރު ދެވަނަ މެޗުގައި 19 އަހަރަށް ފަހު ބަންގްލަދޭޝް އަތުން ބަލިވީ އެމެޗުގައި ލީޑު ނެގުމަށް ފަހުއެވެ.
މިއަދުގެ މެޗުގެ ކުރިން ސެމީއަށް ދިއުމުގެ ފުރުސަތެއް ރާއްޖެއަށް އޮތް އިރު ލުބުނާން ކޮޅަށް ލަނޑެއް ނުޖެހި ރާއްޖެ ބަލިވީ 1-0 އިންނެވެ. މިއަދުގެ މެޗަކީ މިމުބާރާތުގައި ރާއްޖެއިން އެންމެ މޮޅު އަދި އެންމެ ހިތްވަރުގަދަ ކުޅުމެއް ދެއްކި މެޗު ނަމަވެސް މިއަދުގެ ކުޅުމުން ވެސް ފެނުނީ ޓީމުގެ ރޭވުންތެރިކަން ނެތް ކަމެވެ.
ބަންގލްދޭޝްގެ މެޗަށް ފަހު ރާއްޖޭގެ މީޑިއާތަކުން ވަނީ މިމުބާރާތަށް ދިވެހި ޓީމު އިންޑިއާ އަށް ދިޔައިން ސުރެ ކާނާ ވިހަވެގެން އުޅޭ ކަމުގެ ރިޕޯޓްތަކެއް ޝާއިއުކޮށްފައެވެ.
މިގޮތުން މުބާރާތުގެ ފުރަތަމަ ދެމެޗަށް ނިކުތް އިރު ވެސް ކުޅުންތެރިން ބައެއް ކުޅުންތެރިން ކާނާ ވިހަވުމުގެ ސަބަބުން ބޭރަށް ހިންގާފައިވެއެވެ. ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންހެން ކާނާ ވިހަވެ، ބޭރަށް ހިންގުން ކުރިމަތިވެ ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވީނަމަވެސް އެޑްމިޓް ކޮށްގެން އެއްވެސް ކުޅުންތެރިއަކަށް ފަރުވާ ދީފައެއް ނުވެއެވެ.
މީޑިއާއިން މިކަން މިގޮތަށް ރިޕޯޓްކުރި ނަމަވެސް އޭފްއޭއެމްއިން މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.